ads
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވާހަކަފުޅުދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް
ތެލެސީމިއާ ފަރުވާއަށް އާސަންދައިން ހިލޭ ބޭސް ލިބޭ ގޮތް ހަމަޖައްސައިފި
ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ފަސޭހައިން ލިބޭނެ އިންތިޒާމު އެސްޓީއޯ މެދުވެރިކޮށާއި އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލިހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މިގޮތަށް ނިންމަވާފައިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ.

ތެލަސީމިއާ ފަރުވާހޯދާ ފަރާތްތަކަށް މިހާރު ދެވޭ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ "ހަފުތާ 14" ގައި ހިމެނޭ ކަމެކެވެ.

ހެލްތު މިނިސްޓްރީން ހުށަހެޅި މި ކަރުދާހަށް މަޝްވަރާކުރައްވައި ވަޒީރުންގެ މަޖިލިހުން ނިންމެވި ކަންކަމުގެ ތެރޭގައި ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ފަސޭހައިން ލިބޭނެ އިންތިޒާމު އެސްޓީއޯ މެދުވެރިކޮށާއި އާސަންދައިގެ ތެރެއިން ހަމަޖެއްސުން ހިމެނެ އެވެ.

މީގެ އިތުރުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަސޭހަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ކުރުރާސްތާގައި ހުރިހާ އެސެސްމެންޓެއް ހެދި ބޯންމެރޯ ހެދުމަށް ފައިނަލްވާ ކުދިން، ބޯންމެރޯ ހެދުމަށް ކޮންމެ އަހަރަކު ކަނޑައެޅިފައިވާ މިންވަރަކުން ބޯންމެރޯ ހެދުމަށް ފޮނުވަމުން ދިއުމަށް މިއަދު ނިންމަވާފައިވެ އެވެ. ހަމަ އެހެންމެ، ދުރު ރާސްތާގެ ހައްލެއްގެ ގޮތުން 2028 ވަނަ އަހަރުން ފެށިގެން އަހަރަކު 10 ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމު ކަށަވަރުކުރުންވެސް މީގެ ތެރޭގައި ހިމެނެ އެވެ. އަދި ވަށާ ޖެހޭ ހައްލެއްގެ ގޮތުން ތެލަސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަށްވެސް މިއަދު ނިންމަވާފައިވެ އެވެ.

މީގެ އިތުރުން މިހާރު ޕްރައިވެޓް ހެލްތުކެއާ ނިޒާމުގެ ތެރެއިން ހަދަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޓެސްޓް ކަމަށްވާ "ޓީ 2 ސްޓާ ޓެސްޓް" ހެދުމަށް ބޭނުންވާ ވަސީލަތްތައް ދުރު ރާސްތާގައި ސަރުކާރުގެ ހޮސްޕިޓަލުގައި ގާއިމުކުރުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމަވާފަ އެވެ.

ވަޒީރުންގެ މަޖިލިހުގެ ލަފާފުޅާ އެކު ރައީސް ވަނީ އާސަންދައިގެ ދަށުން ޑީއެންއޭ ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ނިންމަވާފަ އެވެ. މި ޑީއެންއޭ ޓެސްޓަކީ ތެލަސީމިއާ ބަލި ވާރުތަކުރާ މީހުންކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށް ހެދޭ ޓެސްޓެކެވެ.

މީގެ އިތުރުންވެސް ރާއްޖޭގައި ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން އިތުރުކުރުމާއި ތެލަސީމިއާއަށް ޓެސްޓްކޮށް، ސްކްރީންކުރުން އިތުރަށް ހަރުދަނާކުރުމަށް ނިންމަވާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް