ads
ވަޒީރުންގެ މަޖިލިހުގެ މިއަދުގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު: އަންނަ އަހަރު ފަސް ކުއްޖަކަށް ދައުލަތުން ބޯން މެރޯ ޓްރާންސްޕްލާންޓް ހަދައިދިނުމަށް ވަނީ ނިންމަވާފައި - ފޮޓޯ:ރައީސް އޮފީސް
އަންނަ އަހަރު 5 ކުއްޖަކަށް ދައުލަތުން ބޯން މެރޯ ޓްރާންސްޕްލާންޓް ހަދައިދެނީ
ތެލަސީމިއާއަށް ފަރުވާހޯދާ ފަރާތްތަކަށް މިހާރު ދެވޭ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަށް ވަޒީރުންގެ މަޖިލިހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މިގޮތަށް ނިންމަވާފައިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީން ހުށައެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ.

ތެލަސީމިއާ ފަރުވާހޯދާ ފަރާތްތަކަށް މިހާރު ދެވޭ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ "ހަފުތާ 14" ގައި ހިމެނޭ ކަމެކެވެ.

ހެލްތު މިނިސްޓްރީން ހުށަހެޅި މި ކަރުދާހަށް މަޝްވަރާކުރައްވައި ވަޒީރުންގެ މަޖިލިހުން ނިންމެވި ކަންކަމުގެ ތެރޭގައި ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ފަސޭހައިން ލިބޭނެ އިންތިޒާމު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށާއި އާސަންދައިގެ ތެރެއިން ހަމަޖެއްސުން ހިމެނެ އެވެ.

ރައީސް އޮފީހުން ބުނީ ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަސޭހަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ކުރުރާސްތާގައި ހުރިހާ އެސެސްމެންޓެއް ހެދި ބޯންމެރޯ ހެދުމަށް ފައިނަލްވާ ކުދިން، ބޯންމެރޯ ހެދުމަށް ކޮންމެ އަހަރަކު ކަނޑައެޅިފައިވާ މިންވަރަކުން ބޯންމެރޯ ހެދުމަށް ފޮނުވަމުން ދިއުމަށް މިއަދު ނިންމަވާފައިވާ ކަމަށެވެ. އަދި ދުރު ރާސްތާގެ ހައްލެއްގެ ގޮތުން 2028 ވަނަ އަހަރުން ފެށިގެން އަހަރަކު 10 ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމު ކަށަވަރުކުރުން މީގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނެފައި ވަނީ ވަށާ ޖެހޭ ހައްލެއްގެ ގޮތުން ތެލަސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަށް މިއަދު ނިންމަވާފައިވާ ކަމަށެވެ.

ވަޒީރުންގެ މަޖިލިހުގެ ލަފާފުޅާ އެކު ރައީސް ވަނީ އާސަންދައިގެ ދަށުން ޑީއެންއޭ ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމަވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މި ޑީއެންއޭ ޓެސްޓަކީ ތެލަސީމިއާ ބަލި ވާރުތަކުރާ މީހުންކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމަށް ހެދޭ ޓެސްޓެކެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރާއްޖޭގައި ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން އިތުރުކުރުމާއި ތެލަސީމިއާއަށް ޓެސްޓްކޮށް، ސްކްރީންކުރުން އިތުރަށް ހަރުދަނާކުރުމަށްވެސް ނިންމަވާފައިވާ ކަމުގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް