ads
ދިވެހިރާއްޖޭގެ ހައިކޯޓު - ފޮޓޯ:ހައިކޯޓު
ކަތިވަޅިއަކުން ހަމަލާދިން މައްސަލަ 10 އަހަރު ފަހުން ސާބިތުވެއްޖެ
މީގެ 10 އަހަރު ކުރިން މާލޭގައި ކަތިވަޅިއަކުން މީހަކަށް ހަމަލާ ދިން މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

މިއީ، ކަތިވަޅިއަކުން މީހަކަށް ހަމަލާދިން ކަމުގެ ދައުލަތުން މީހެއްގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމެއްގެ އިސްތިއުނާފެވެ. ހައިކޯޓުގައި އޮންނަތާ ފަސް އަހަރު ފަހުން މިއަދު ހުކުމް ކުރީ މައްސަލައިގެ ކުށް ސާބިތުވާ ކަމަށެވެ. އެހެންނަމަވެސް މިއަދު ކުށާ ގުޅިގެން އަދަބާ މެދު ވާހަކަ ދެއްކުމަށް ޝަރީއަތުން ވަނީ އިތުރު ފުރުސަތެއް ދީފަ އެވެ. އެހެންނަމަވެސް މިއަދުން ފެށިގެން، އަދަބު ކަނޑައެޅުމާ ހަމައަށް ކުށް ސާބިތުވީ މީހާ ހުންނާނީ ބަންދުކޮށްފަ އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ އިބްރާހިމް ރަޝްވާން ކިޔާ މީހެއްގެ މައްޗަށެވެ. އިބްރާހީމް ރަޝްވާންގެ މައްޗަށް ދައުލަތުން ކުރި ތޫނު އެއްޗަކާ އެކު މާރާމާރީ ހިންގުމުގެ ދައުވާ ސާބިތުނުވާ ކަމަށް 2018 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ.

އިބްރާހީމް ރަޝްވާންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ އަކީ، 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ އިރުއޮއްސި 6:05 އެހައިކަންހާއިރު މ. އޮމެގާ، އަހުމަދު މުހައްމަދުގެ ބޮލުގައި ކަތިވަޅިއަކުން ޖަހައި އޭނާގެ ބޯ ފަޅާލި މައްސަލަ އެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ އަލިމަސް ކާނިވާ ސަރަހައްދުން ބޮޑުތަކުރުފާނު މަގުން ދެކުނުން އުތުރަށް އަހުމަދު މުހައްމަދު ދުއްވާފައި ދަނިކޮށް، އިތުރު ބަޔަކާ އެކު ގޮސް ރިޝްވާން އޭނާ ދުއްވަން އިން ސައިކަލް ހުއްޓުވައި ކަތިވަޅިއަކުން ޖަހައި އޭނާގެ ބޯ ފަޅާލާފައިވާ ކަމަށެވެ. އެ މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ވަނީ ރަޝްވާން، އަހުމަދު މުހައްމަދުގެ ބޯ ފަޅާލިކަން ސާބިތުވާވަރުގެ ހެކި ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ. އެހެންކަމުން ދައުވާގައި ބަޔާންކޮށްފައިވާ ކުށުގެ އަމަލު އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުކުރުމަށްޓަކައި ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންވަރަށް ޝަރީއަތަށް ހެކި ލިބިފައި ނުވާތީ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކަނޑައަޅާ ކަމަށް އެ ހުކުމްގައިވެ އެވެ. ހައިކޯޓުން މިއަދު ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް