ads
ނައިބު ރައީސް ހުސައިން: ވިދާޅުވީ ތިމާވެށީގެ މައްސަލަތަކަށް ފިޔަވަޅު އެޅުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބައިވަންތަ ކަމަށް ބޭނުންވެފައިވާ ކަމަށް - ފޮޓޯ:ރައީސް އޮފީސް
"ތިމާވެށީގެ މައްސަލަތަކަށް ފިޔަވަޅު އެޅުމުގައި އެއްބައިވަންތަވާން ޖެހޭ"
ދުނިޔޭގެ އެކި ސަރަހައްދުތަކުން ހުރިހާ އެންމެންނަށްވެސް ކުރިމަތިލާން ޖެހިފައިވާ ތިމާވެށްޓާ ގުޅޭ މައްސަލަތަކަށް ފިޔަވަޅު އެޅުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބައިވަންތަ ކަމަށް ނުހަނު ބޭނުންވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ސްވިޒަލެންޑްގެ ޖެނީވާގައި ކުރިއަށްދާ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ފިއުޗަ އޮފް ހިއުމަންރައިޓް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އޮފް ދަ ހިއުމަންރައިޓް 75" ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެޑެޕްޓޭޝަން އޮފް އިކޮނޮމިކް މޮޑެލްސް އެންޑް ރިސޯސް މޮބިލައިޒޭޝަން" މި މައުލޫއަށް ވާހަކަފުޅު ދައްކަވަމުން ރައީސްގެ ނައިބު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިރިހުރުމުގެ ހައްގަށް ހުރަސްއެޅިގެންދާކަން ފާހަގަކުރައްވާފަ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި މޫސުމީ ކާރިސާތަކުގެ މައްސަލަތަކަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މައްސަލަތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ތިމާވެށި ހިމާޔަތްކުރުމާއި އިންސާނީ ހައްގުތަކާ ގުޅިފައިވާ މިންވަރު ނޭނގޭ މީހުން ނިސްބަތުން ގިނަކަމީ ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެއިތުރުން ހަގީގަތުގެ މައްޗަށް ބިނާވެފައިވާ ހެކިތަކުގެ ބޭނުން ހިފައިގެން މިފަރަގު ކުޑަކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި މާލީ ނިންމުންތައް ނިންމާއިރު އިންސާނީ ހައްގުތަކުގެ މައްސަލަތައް އޭގެ ތެރޭގައި ހިމެނުމަށް ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ބާރުއެޅުމުގެ ބޭނުންތެރިކަން ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އިގުތިސޯދީ އަދި ވިޔަފާރީގެ މޮޑެލްތައް އެއްގޮތްކުރުމަށްޓަކައި އެކަމުގައި ތަފާތު އެކިބައިތައް އެކުލެވޭ ރޭވުންތައް ހިމަނަން ޖެހޭ ކަމަށާއި އޭގެ ތެރޭގައި އޮނިގަނޑަށް ގެންނަން ޖެހޭ އިސްލާހުތަކާއި އާދަކާދައަށް ބަދަލު ގެނައުމާއި ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުން ހޯދުން ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވިޔަފާރިތައް ޒަމާނީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ތިމާވެއްޓާއި ރަހުމަތްތެރި ގޮތްތައް ބޭނުންކުރަން ފަށާފައިވާކަމީ މިކަމާމެދު އާންމު ވިސްނުން ބަދަލުވާން ފަށާފައިވާ ނިޝާނެއްކަން ފާހަގަކުރެއްވި އެވެ. ނައިބު ރައީސް ވަނީ ގާނޫނީ އޮނިގަނޑުތަކާއި، އިޖުރާއަތްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ތިމާވެށީގެ ގޮތުން ދުޅަހެޔޮ މާހައުލެއް ގާއިމުވެފައި އޮތުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއްކަން ރާއްޖޭން ގަބޫލުކުރާކަމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްޓަކައި މަލްޓިލޭޓަރަލް އެއްބާރުލުން ކޮންމެހެން ބޭނުންވާ ކަމުގައި ވިދާޅުވެފަ އެވެ. އަދި ވެށްޓާއި ރަހުމަތްތެރި ގޮތްތައް ދުނިޔޭގެ ފެންވަރުގައި ކުރިއަރުވަންޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ވަށްމޭޒު ބައްދަލުވުމަކީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ އޮފީހުން އިންތިޒާމުކޮށްގެން އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ، "ޔުނިވަސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބާ ފާހަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މަތީފަންތީގެ ހަތަރު ވަށްމޭޒު ބައްދަލުވުމުގެ ތެރެއިން އެއް ބައްދަލުވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް