ads
ވަޒީރުންގެ މަޖިލިހުގެ މިއަދުގެ ބައްދަލުވުމުގައި ރައީސް މުއިއްޒު: ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާ އެކުގައި ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ވަނީ ނިންމަވާފައި - ފޮޓޯ:ރައީސް އޮފީސް
ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އެކުގައި ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމަވައިފި
ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާއަށް މީހުން ހައްޖަށް ގެންދިއުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވާ ގޮތަށް، ވަޒީރުންގެ މަޖިލިހުގެ ލަފާފުޅާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

ރައީސް މިގޮތަށް ހަމަޖެއްސެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ނިންމެވުމާ ގުޅިގެން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ. ހައްޖަށް ދިއުމަށް މިވަގުތު ހައްޖު ކޯޕަރޭޝަނުގެ ކިޔުގައި 6،000 މީހުން ރަޖިސްޓްރީވެފައި އެބަތިބި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނެފައި ވަނީ މީގެތެރެއިން 4،706 މީހުން ވަނީ ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާފައި ކަމަށެވެ.

އެހެންކަމުން އެފަރާތްތަކުގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އާންމު ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި، ކޮންމެ އަހަރަކު ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް ހަވާލުކުރަން ޖެހޭ ކަމުގައި މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ހައްޖަށް ގެންގޮސްފައިވާ ގިނަ ކުންފުނިތަކުން ހައްޖުވެރިންނަށް ދީފައިވާ ހިދުމަތުގެ ފެންވަރާ މެދު ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ޝަކުވާތަކެއް އިސްލާމިކް މިނިސްޓްރީއަށާއި ދިވެހި ހައްޖު މިޝަނަށް ލިބިފައިވާ ކަމުގަ އެވެ. އަދި ކުންފުނިތަކަށް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ލިބުމަށްފަހު، މިނިސްޓްރީން ހުއްދަދީފައި އޮންނަ އަގަށް ވުރެ ބޮޑު އަގު ހައްޖުވެރިންގެ އަތުން ނަގާކަމުގެ ޝަކުވާ އަބަދުވެސް އިވެމުންދާ ކަަމަށް އެ އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާއަށް މީހުން ހައްޖަށް ގެންދިއުން، ހައްޖު ކޯޕަރޭޝަނަށް ދެއްވާ ގޮތަށް ހަމަޖެއްސެވުމުން މި މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް