ads
ފަލަސްތީނުގެ އަންހެނެއް އޭނާގެ ދަރިންނާއެކު މަގުމަތީގައި: އޭނާގެ ގެދޮރު ވަނީ އިސްރާއީލުން ސުންނާފަތި ކޮށްލާފައި -- ފޮޓޯ: އަލްޖަޒީރާ
ޔަހޫދީންގެ ހަމަލާތަކުގައި ގާޒާއިން 19000 މީހުން ޝަހީދުކޮށްލައިފި
އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ގާތްގަނޑަކަށް 19،000 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.

ގާޒާއަށް ޒަޔަނިސްޓުން ދެމުންގެންދާ ހަމަލާތަކުގައި ގާޒާއަށް މީގެ ކުރިން އަޅާފައި ނުވާ ވަރުގެ ބާރުގަދަ ބޮންތައް ވަނީ އަޅާފަ އެވެ.

ގާޒާ އަކީ މިހާރު މީހުން ދިރިއުޅެން ކަމުދާ ބިމަކަށް ނުވާނެ ކަމަށް އަސްކަރީ ތަޖުރިބާކާރުން ބުނެ އެވެ.

އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ފަލަސްތީނުގެ ގާޒާއަށް ދެމުންގެންދާ ޢުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 19،453 މީހުން ޝަހީދުކޮށްލައިފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެ އެވެ. ޔަހޫދީންގެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 52،286އަށް އަރައިފަ އެވެ.

އަދި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ގާކުނޑިތަކުގެ އަޑީގައި ސަލާމަތް ނުކުރެވި އެތައް ހާސް ބަޔަކު ވަޅުލެވިފައި ވާނެ ކަމަށް ގާޒާގައި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ސިވިލް ޑިފެންސް އިދާރާއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންގެ ތެރެއިން 80 ޕަސެންޓު މީހުން ގެދޮރު ގެއްލި ވަނީ މަގުމަތިވެފަ އެވެ. ނަމަވެސް އެމީހުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުން އިޒްރޭލުން އަދިވެސް އޮތީ ކޮންޓްރޯލް ކޮށްފަ އެވެ.

އެޗްއާރްޑަބްލިއުގެ އިތުރުން އދ އާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެހެން ޖަމާއަތްތަކާއި އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ވެސް ދަނީ ގާޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ފާހަގަކޮށް، ހަނގުރާމަ ހުއްޓައިލުމަށް ގޮވާލަމުންނެވެ.

ނަމަވެސް އެމެރިކާ އާއި ޔަހޫދީ ދައުލަތުން ބުނާ ގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ގާޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމޭނީ ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތް ބަލިވެ އަމާން ދިނުމުން ނެވެ.

ހަމާސް އިން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި ރަހީނުކުރި 240 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ އިޒްރޭލު ސިފައިންނާއި ސިފައިންގެ ތެރޭގައި ހިދުމަތް ކުރުމަށް ފަހު ރިޒާވް ލަޝްކަރާ ގުޅިފައިވާ 137 މީހުން އަދިވެސް ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް