ads
ކަތިވަޅިން ހަމަލާދިން މީހާ 10 އަހަރު ފަހުން ޖަލަށް
މީގެ 10 އަހަރު ކުރިން މާލޭގައި ކަތިވަޅިއަކުން މީހަކަށް ހަމަލާ ދިން މީހާގެ މައްޗަށް ކުށް ސާބިތުވެ، އެ މީހާ ހަތަރު އަހަރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފިއެވެ.

މިއީ، ކަތިވަޅިއަކުން މީހަކަށް ހަމަލާދިން ކަމުގެ ދައުލަތުން މީހެއްގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމެއްގެ އިސްތިއުނާފު މައްސަލައެވެ. މި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން މިދިޔަ ހަފްތާގައިވަނީ ކަނޑައަޅާފައެވެ. އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޠާރުންގެ އިއްތިފާގުން އިއްވީ، އަންގާރަ ދުވަހުއެވެ.

ހައިކޯޓުގައި އޮންނަތާ ފަސް އަހަރު ފަހުން ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި މި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ އިބްރާހިމް ރަޝްވާން ކިޔާ މީހެއްގެ މައްޗަށެވެ. 

އިބްރާހީމް ރަޝްވާންގެ މައްޗަށް ދައުލަތުން ކުރި ތޫނު އެއްޗަކާ އެކު މާރާމާރީ ހިންގުމުގެ ދައުވާ ސާބިތުނުވާ ކަމަށް 2018 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ.

އިބްރާހީމް ރަޝްވާންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ އަކީ، 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ އިރުއޮއްސި 6:05 އެހައިކަންހާއިރު މ. އޮމެގާ، އަހުމަދު މުހައްމަދުގެ ބޮލުގައި ކަތިވަޅިއަކުން ޖަހައި އޭނާގެ ބޯ ފަޅާލި މައްސަލަ އެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ އަލިމަސް ކާނިވާ ސަރަހައްދުން ބޮޑުތަކުރުފާނު މަގުން ދެކުނުން އުތުރަށް އަހުމަދު މުހައްމަދު ދުއްވާފައި ދަނިކޮށް، އިތުރު ބަޔަކާ އެކު ގޮސް ރިޝްވާން އޭނާ ދުއްވަން އިން ސައިކަލް ހުއްޓުވައި ކަތިވަޅިއަކުން ޖަހައި އޭނާގެ ބޯ ފަޅާލާފައިވާ ކަމަށެވެ. 

އެ މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ވަނީ ރަޝްވާން، އަހުމަދު މުހައްމަދުގެ ބޯ ފަޅާލިކަން ސާބިތުވާވަރުގެ ހެކި ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ. އެހެންކަމުން ދައުވާގައި ބަޔާންކޮށްފައިވާ ކުށުގެ އަމަލު އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުކުރުމަށްޓަކައި ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންވަރަށް ޝަރީއަތަށް ހެކި ލިބިފައި ނުވާތީ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކަނޑައަޅާ ކަމަށް އެ ހުކުމްގައިވެ އެވެ. ހައިކޯޓުންވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް