ads
އެސްޓީއޯއާއި އެލައިޑުން މިފްކޯގެ ހިއްސާ މިއަދު ރަސްމީކޮށް ސަރުކާރަށް ބަދަލުކުރުމުގެ ތެރެއިން-- ފޮޓޯ/ އެސްޓީއޯ
އެސްޓީއޯއާއި އެލައިޑުގައި އޮތް މިފްކޯގެ ހިއްސާ ސަރުކާރަށް ބަދަލުކޮށްފި
މިފްކޯ އަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ހެދުމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މިފްކޯއަކީ 100 ޕަސެންޓު ސަރުކާރު ކުންފުންޏަކަށް ހައްދަވާނެކަން އިއުލާނުކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ އޭގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއަށް ގެންދިޔުން ކަމަށެވެ.

އަދި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ހާސިލުކުރުމަށް، މަގު ފަހިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިފްކޯ އެ ކުންފުންޏެއްގެ ދަށުގައިވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަ ކުރި ގޮތުގައި މިފްކޯއަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހަދަން ވަޒީރުންގެ މަޖިލިހުން ނިންމުމާއި ގުޅިގެން، އެ ނިންމުން ތަންފީޒު ކުރަން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް އެންގި ކަމުގަ އެވެ.

އެހެންކަމުން އެކަމާ ގުޅިގެން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން މަޝްވަރާ ބައްދަލުވުމެއް ބާއްވައި މިފްކޯގެ ހިއްސާ ސަރުކާރަށް ބަދަލު ކުރުމަށް ނިންމުމަށް ފަހު، އެކަމުގެ ރަސްމީ އެއްބަސް ވުމުގައި މިއަދު ވަނީ ސޮއި ކޮށްފަ އެވެ.

ފިޝަރީސް މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ އެބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. އެސްޓީއޯގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ސޮއި ކުރެއްވިއިރު، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެލައިޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ލުވައިޒެވެ.

މިފްކޯގެ ހިއްސާ ސަރުކާރަށް އެއްކޮށް ބަދަލުކުރުމަށް ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތަށް ފަހު މިފްކޯއިން ބުނީ މިއީ ތާރީހީ ދުވަހެއް ކަމަށާއި، 100 އިންސައްތަ ސަރުކާރު ހިއްސާ ވާ ކުންފުންޏަކަށް ބަދަލުވެ ފިޝަރީޒް މިނިސްޓްރީއާއި ފިނޭންްސް މިނިސްޓްރީގެ އެއްބާރުލުމާއެކު މުސްތަގުބަލުގައި އެ ކުންފުނީގެ ހިދުމަތްތައް ފުޅާ ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި ކުރުވުނު މަސަކަތް ތަކަށް އެސްޓީއޯއާއި، އެލައިޑް އަދި އެފްއެސްއެމް އަށް ވެސް މިފްކޯއިން ވަނީ ވަދާއީ ޝުކުރެއް އަދާ ކޮށްފަ އެވެ.

އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކޮށް ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަން ފެށީ 2016 ވަނަ އަހަރު އެވެ. އޭރު އެކުންފުނި އެސްޓީއޯގެ ދަށަށް ބަދަލު ކުރީ، ކުންފުނީގެ ދަރަނި ބޮޑުވެ، ހިންގުމަށް ދަތިވުމުގެ ސަަބަބުންނެވެ.

މިފްކޯ އެންމެ ފުރަތަމަ އުފެއްދީ 1993 ވަނަ އަހަރުގަ އެވެ. އެކުންފުނި އުފެއްދީ، އޭގެ ކުރިން ހިންގި މަސް ކުންފުނި އެފްޕީއައިޑީގެ ނަން ބަދަލުކޮށް، އެކުންފުނީގެ ދަރަންޏަށް ޒިންމާވާ ކުންފުންޏެއްގެ ގޮތުގަ އެވެ. އެ ކުންފުނި އޭރުން ފެށިގެން ހިންގީ ސަރުކާރުން ބޮޑު އަދަދަކުން ސަބްސިޑީ އާއި ލޯނު އެހީ ދީގެންނެވެ. އަންނަ އަހަރަށް ވެސް ބަޖެޓުގައި މިފްކޯއަށް 415 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް