ads
ރައީސް މައުމޫން
މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ތަރައްގީގެ ލަނޑުދަނޑިއެއް ނޫން: މައުމޫން
މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރާނެ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވުމާ އެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައްދު ދެއްވައިފި އެވެ.

މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ގައުމީ ތަރައްޤީގެ އުސް ލަނޑުދަނޑިއެއް ކަމެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑި އެއް ކަމެއް ނުދެނަހުރިން. ވަރަށް މާފު،" 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި މައުމޫން ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އެންމެ ފާޅުގައި އިއުލާނު ކޮށް އެކަމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގައެވެ. ނަމަވެސް، ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވިއިރު ވެސް، މަރަން ހުކުމް ކޮށްފައިވާ އެއްވެސް މީހެއްގެ މައަޗަށް އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ.

އޭގެ ފަހުން ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން އާ ސަރުކާރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް އިއުލާނު ކުރި އެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑުވުމުން މަރުގެ ހުކުމް ތަންފީޒު ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ކަމަށާއި ނަމަވެސް އެކަން ކުރާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ފަހުގައި ކަމަށް ވަނީ ބުނެފައެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ވެސް މަރުގެ އަދަބު ތަންފީޒުކުރުންކަން އިހުސާން އިއުލާން ކުރައްވާފައިވަނީ މިއަދު ހޯމް މިނިސްޓްރީން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުންނެވެ.

"އަޅުގަނޑުމެން ދިވެހި ސަރުކާރަކީ މިހާރުގެ ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން އަޅުގަނޑުމެން ވެސް ހަމަ ނިންމާފައި އޮތް ސަރުކާރެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރާނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި އިމުގެ ތެރޭގައި އެކަން ކުރާނަން،" އިހުސާން ވިދާޅުވި އެވެ.

މައުމޫންގެ ވެރިކަމުގައި އެ މަނިކުފާނު ވަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ހަތިޔާރާ އެކު އަރައި އެތައް ދިވެހިންނެއް ޝަހީދުކޮށްލި މީހުންގެ ތެރެއިން މަރުގެ ހުކުމް އައި މީހުންނަށް ވެސް އަދަބު ލުއިކޮށްދެއްވައިފަ އެވެ. އުމުރު ދުވަހުގެ ހުކުމަކީ 25 އަހަރު ކަމަށް ވާތީ، އޭގެ ތެރޭގައި ހިމެނުނު ދިވެހިން މިހާރު ވަނީ ހުކުމް ތަންފީޒުކޮށް ނިމި މިނިވަން ވެފަ އެވެ.

ރާއްޖޭގައި މަރުގެ ހުކުމް އެންމެ ފަހުން ތަންފީޒުކޮށްފައި ވަނީ މީގެ 65 އަހަރު ކުރިން 1954 ގަ އެވެ. މަރުގެ ހުކުމް ތަންފީޒު ކުރެވުނީ ހަކީމް ދީދީގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވީ ސިހުރު ހަދައި، ވިހަ ހިކައެއް ލައިގެން ސައި ކައްކައި ހުވަދު އަތޮޅު އަތޮޅުވެރިޔާ ވީރު އަލިދީދީ އަށް އެރުވި ކަމުގެ ކުށެވެ. ހުކުމް ކުރެއްވީ އަބްދުﷲ ޖަލާލުއްދީނެވެ. 

މިހާރުވެސް ސުޕްރީމް ކޯޓުން ވަނީ މަރުގެ ހުކުމް އައިސްފައިވާ ހަތަރު މީހެއްގެ ހުކުމް ދަމަހައްޓައިފަ އެވެ. ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ މަރުގެ އަދަބު ތަންފީޒުކުރުމާ މެދު ގޮތް ނިންމަން ޖެހޭނީ ސަރުކާރުން ކަމަށެވެ. އޭނާ ވިދާޅުވީ، މަރުގެ އަދަބު ތަންފީޒު ކުރުމުގައި ޕީޖީ އޮފީހުގެ ދައުރެއް ނެތުމުން އެކަމާ މެދު އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް