ads
އުސޫލެއްްނެތި ސައިޓު ބްލޮކްކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް
ސަރުކާރަށް ފާޑުކިޔަމުން އައި ދެ ވެބްސައިޓު އެއްވެސް އުސޫލެއް ނެތި ބްލޮކްކުރުމަކީ ނޫސްވެރިކަމުގެ މިނިވަން ކަމަށް އޮތް ނުރައްކަލެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.

އެމްއެމްސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކައުންސިލުން ބުނީ ރަޖިސްޓްރީނުކޮށް ހިންގާ ނޫސް މަޖައްލާތަކާއި ވެބްސައިޓުތަކަކީ ވެސް "މީޑިއާ" ކަމަށް މީޑިއާ ކައުންސިލުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކަމަށެވެ. އަދި ބްލޮކްކުރި ދެ ވެބްސައިޓުގެ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް މިހާތަނަށް އެ ކައުންސިލަށް ހުށަހަޅާފައި ނުވާ ކަމަށް އެމްއެމްސީން ބުނެފައިވެ އެވެ.

"ބްލޮކްކޮށްފައިވާ ދެ ވެބްސައިޓުގެ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް މި ކައުންސިލަށް ހުށަހަޅާފައިނުވާއިރު އުސޫލެއް ނެތި ބްލޮކްކުރުމަކީ ކަންބޮޑުވާ ކަމެއް. މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުން ހުރަހެއް އަދި ނުރައްކަލެއް،" - އެމްއެމްސީ

އެ މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑް މޯލްޑިވްސްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެޑިޓާސް ގިލްޑުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގައި މިނިވަންކަމާ އެކު ފިކުރު ކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތީން ދުލާއި ގަލަމުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.

"އަދި ތަހުޒީބީ މުޖުތަމައުތަކުގައި ހަބަރާއި މައުލޫމާތު ފެތުރުމަށް، ނުވަތަ ހިޔާލުފާޅު ކުރުމަށް ވެބްސައިޓް ފަދަ ވަސީލަތްތައް ބޭނުން ކުރާއިރު، އެއީ ކޮންމެހެން ރަޖިސްޓްރީ ކުރަން ޖެހޭ އެއްޗެއް ވެސް ނޫނެވެ. އަދި ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގައި ވެސް ރަޖިސްޓްރީ ނުކޮށް ވެސް ނޫސްތައް އަންނަނީ ހިންގަމުންނެވެ. އެކަން ރަސްމީ ސިފައެއްގައި މަނައެއް ވެސް ނުކުރެ އެވެ،" އެޑިޓާސް ގިލްޑުގެ ބަޔާނުގައިވެ އެވެ.

އެޑިޓާސް ގިލްޑުން ބުނެފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުން "މީޑިއާ" ކަމަށް ބަލައިގެންފައިވާ ހަމަތަކުގެ ތެރޭގައި ވެސް ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސް މަޖައްލާތަކަކީވެސް ހަބަރާއި މައުލޫމާތު ފެތުރުމަށް މީޑިއާ ކަމަށް ބަލައިގެންފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް