ads
ނައިބު ރައީސް މޮންޓަނޭގްރޯގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި
މޮންޓަނޭގްރޯގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓާ ހިޒް އެކްސެލެންސީ މިސްޓާ އެލެކްސާ ބެޗިޗްއާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާދު ހުސައިން މުހައްމަދު ލަތީފް ބައްދަލުކުރައްވައިފިއެވެ.

 މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮންޓަނޭގްރޯއަށް ވަޑައިގެންނެވުމަށް ދެއްވި ދައުވަތަށާއި އެމަނިކުފާނަށް ކިޔުއްވި ހޫނު މަރުހަބާއަށް މިސްޓާ އެލެކްސާ ބެޗިޗްއަށް ޝުކުރު އަދާކުރެއްވިއެވެ. ރާއްޖެއާއި މޮންޓަނޭގްރޯއާ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުން އިރު ކުދި ގައުމުތަކުން، މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެއްބާރުލުން ދިނުމަކީ ދެފަރާތަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފާހަގަ ކުރައްވާފައެވެ.
މޮންޓަނޭގްރޯގެ ފަސްޓް ޕްރައިމް މިނިސްޓާ ވަނީ މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް ބޭނުންވާކަން ހާމަކުރެއްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ މޮންޓަނޭގްރޯގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޔޫރަޕިއަން ޔޫނިއަންގެ މެންބަރަކަށް ވުން އަވަސް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުއިއްޒުގެ ސަރުކާރުން އިސްކަންދެއްވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިސްޓާ ބެޗިޗްއާ ހިއްސާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ-އެޓް-ލާޖް މުހައްމަދު ހުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮންޓަނޭގްރޯ ގެ މަޖިލިސްކުރާގެއަށް ވެސް ޒިޔާރަތްކުރެއްވިއެވެ. އަދި، އެ ގައުމުގެ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވާފައިވެއެވެ. އަދި، ރާއްޖެއާއި މޮންޓަނޭގްރޯ އާ ދެމެދު ގުޅުން ބަދަހިކުރެެއްވުމަށް ބޭނުންފުޅުވާކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާގެ މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައި، ދެގައުމުން ސައުގުވެރިކަން ހުރި ދާއިރާތަކާމެދު ރައީސުލްޖުމްހޫރިޔާގެ ނައިބު އެކަމަނާއާ ހިޔާލު ބަދަލުކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮންޓަނޭގްރޯގެ ސަރުކާރުގެ ދައުވަތަކަށް އެ ގައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މޮންޓަނޭގްރޯގެ ސަރުކާރުގެ ބައެއް އިސްވެރިންނާ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް