ads
ވިއްސާރައިގައި އައްޑޫގެ 97 ގެއަކަށް ފެން ވަދެއްޖެ
މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި އައްޑޫ ސިޓީގެ ފަސް ރަށެއްގެ 97 ގެއަކަށް ފެން ވަދެއްޖެއެވެ.

މިރޭ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު (އެޑީއެމްއޭ)އިން ބުނީ މިހާތަނަށް އައްޑޫ ސިޓީގެ ފަސް ރަށެއްގައި ފެންބޮޑުވެފައިވާކަމަށެވެ.

އެގޮތުން މަރަދޫގައި 13 ގެއެއްގައި ފެންބޮޑުވީނަމަވެސް މިހާރު  އެ ގެތަކުގައި ފެންހިއްކައި އާންމު ހާލަތައް ރުޖޫއުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑީއެމްއޭ ބުނެއެވެ.

އަދި މަރަދޫފޭދޫގައި 5 ގެއަކަށް ފެންވަދެފައިވާއިރު، އެއް ގެއަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާކަމަށާއި، އެގެއަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑީއެމްއޭއިން ބުނެއެވެ.

އެންމެ ބޮޑަށް ވިއްސާރައިގެ އަސަރުކުރި ފޭދޫގެ 60 ގެއަކަށް ފެން ވަދެފަވެއެވެ.

ހިތަދޫގައި 9 ގެއެއްގެ ގޯތިތެރޭގައި ފެންބޮޑުވެފައިވާއިރު، އެ ގޯތިތަކުގަައި ފެން ހިއްކުމުގެ މަސައްކަތްކޮށްފަވާކަމަށް  އެޑީއެމްއޭ އިން ބުނެއެވެ.

އޭގެ އިތުރުން ހުޅުދޫގެ 10 ގެއެއްގައި ފެންބޮޑުވެފައިވެއެވެ. 

އައްޑޫ ސިޓީގެ ރަށްތަކުގައި ފެން ހިންދުމާއި، މަގުތަކުގައި ކޯރުކެނޑުމާއި ވެލި ބަސްތާ ޖެހުމުގައި ސަރުކާރު އޮފީސްތަކާއި އަމިއްލައް ކުންފުނިތަކުގެ އިތުރުން އާރުޑީސީ އާއި އަމިއްލަ ފަރުދުން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑީއެމްއޭއިން ބުނެއެވެ. އަދި ދިވެހި ރެޑްކްރެސެންޓާއި ސިފައިންނާ ފުލުހުން ވެސް ހަރަކާތްތެރިވަމުން އަންނަކަމަށް ބުނެފަވެއެވެ.

ގެއްލުން ވަޒަން ކުރުމުގެ މަސައްކަތް ފެށޭނީ ފެން ހިނދި އާންމު ހާލަތައް ރުޖޫއުވުމުން ކަމަށް އެ ސެންޓަރުން ބުނެއެވެ.

ވިއްސާރައިގައި ފުވައްމުލަށް ސިޓީއަށް ވެސް ބޯކޮށް ވާރޭ ވެހުނެވެ. ނަމަވެސް އެ ސިޓީގެ ގެތަކަށް ފެންވަދެ ގެއްލުން ލިބިފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް