ads
"ނޫސްތައް ބަންދުކުރުމަށްފަހު ސަރުކާރާ ދެކޮޅު މީހުންނާ ދިމާކޮށްލާނެ"
ނޫސްތައް ބްލޮކްކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސްއެޅުން ނުހުއްޓުވައިފިނަމަ ދެން މަޖިލީހުގެ ތެރެއިން ދިމާކުރާނީ ވަކިވަކި ފަރުދުންނާކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސްތައް ސަރުކާރުން ބްލޮކްކުރުން ހުއްޓާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން ޝާހިދު ވިދާޅުވީ، ނޫސްތައް ބްލޮކްކުރުމަށްފަހު ވަކިވަކި ފަރުދުންނާ ސަރުކާރުން ކުރިމަތިލާން ފެށުމުގެ ކުރިން މަޖިލީހުގެ ތެރެއިން ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. 

"މިއީ ޝޮކެއް ނޫން، އިއްޒަތްތެރި ރައީސް މިކަން ކުރުމަށް ތަކުރާރުކޮށް ފުރުސަތު ދީފިނަމަ. އިއްޒަތްތެރި މެންބަރު އީވާ އަބްދުﷲ އެ ވިދާޅުވިހެން ދެން ދިމާކުރާނީ ވަކިވަކި ފަރުދުންނާ. އެ ފުރުސަތު މިހާރު މިއޮތް ހުދު މުހުތާރު ސަރުކާރަށް ނުދިނުމުގެ ގޮތުން އަޅުގަނޑުމެން އެބަޖެހޭ ފިޔަވަޅުތަކެއް އަޅަން. މިކަން ކުރިއަށް ގޮސްފިނަމަ މިގައުމު ދެން އަތުނުޖެހޭ ހިސާބަށް ދުރަށް ހިނގައިދާނެ،" -ޝާހިދު-

މުހައްމަދު ޝާހިދު ވިދާޅުވީ ނޫސްވެރިކަމުގެ ސަބަބުން ސަރުކާރެއް "ބަރަހަނާ" ވެސް ވެދާނެކަމަށެވެ. 

"ސަރުކާރުން ކުރާ ކޮރަޕްޝަނުގެ އަމަލުތައް ރައްޔިތުންނަށް ދުނިޔެއަށް ބޭޒާރުކޮށް ފަލީހަތްވާން ދިމާވާ ހަގީގީ ސަބަބަކީ މިނިވަން ނޫސްވެރިކަން. މިނިވަން ނޫސްވެރިކަމެއް ފޭރިގަތުމަކީ އެ ގައުމެއްގެ މިސްރާބު ކަޅު އަނދިރިކަމާ ދިމާލަށް ދާކަން ރަމްޒުކޮށްދޭ އަލިގަދަ ދަލީލެއް،" މުހައްމަދު ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ކޮންމެ އިންސާނަކަށްވެސް އިސްލާމް ދީން އުފެދުމާއެކު ދެއްވާފައިވާ މިނިވަންކަމެއްކަމަށެވެ. 

 "އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާނެގޮތެއްގެ މަތިން ދުލާ ގަލަމުގެ މިނިވަންކަން އޮތީ ދެއްވާފަ. މިކަހަލަ ސަރުކާރަކުން މި ބާވަތުގެ ކަންކަން ހިނގާނެކަން އަޅުގަނޑުމެން އައީ މާކުރިން ދައްކަމުން.،" -ޝާހިދު - 

ސަރުކާރަށް ފާޑުލިޔާ ދެ ނޫހެއް ސަރުކާރުން ވަނީ ބްލޮކްކޮށްފައެވެ. އެއީ "ކުރުސީ.ކޮމް" އަދި "ދިޔަވަރު.ކޮމް" އެވެ. މިކަމާގުޅިގެން މީޑިއާ ކައުންސިލް އަދި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް