ads
އާސަންދައިގެ ދަށުން މެޑިކަލް ޗެކްއަޕްގެ ހިދުމަތް ދޭން ފަށައިފިކަމަށް
އާސަންދައިގެ ދަށުން މެޑިކަލް ޗެކްއަޕްގެ ހިދުމަތް ދޭން ފަށައިފިކަމަށް އާސަންދަ ކުންފުނިން އިއުލާނުކޮށްފިއެވެ.

މިކަން އިއުލާނު ކޮށްފައިވަނީ މިއަދު އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިއެވެ.

އެ ކުންފުނިން  ބުނީ މި މެޑިކަލް ޗެކްއަޕް ބޮޑަށް ބައްޓަންވެފައި ވަނީ ރާއްޖޭގައި މި ވަގުތު އެންމެ ގިނައިން ފަރުވާ ހޯދެމުން ދާ ބަލިތައް ދެނެގަތުމަށްކަމަށެވެ. 

“މި މެޑިކަލް ޗެކްއަޕް ފަރުމާ ކުރެވިފައިވަނީކަމާ ގުޅުން ހުރި ފަންނީ ބޭފުޅުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށާއި އެކި އުމުރުފުރާތަކާއި ގުޅޭ ގޮތުން އެކިއެކި ޕެކޭޖްތައް ހެދިފައިވަނީ އެ ކަމާގުޅޭ ޑޮކްޓަރުންނާއި ފަންނީ މާހިރުންނާއި މަޝްވަރާ ކުރުމަށްފަހު”- އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އައިމިނަތް ޒީނިޔާ-

މި ހިދުމަތް ފެށިގެން ދާނީ ސަރުކާރުގެ ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގައި ކަމަށާއި އެ ގޮތުން ހެލްތް ސެންޓަރު ތަކާއި އައިޖީއެމްއެޗްއާއި ޓާސަރީ ހޮސްޕިޓަލްތަކުން މި ހިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށާއި މިއަދުން ފެށިގެން މިކަމަށް ބޭނުންވާ ފަރާތަކުން ރަޖިސްޓްރީ ކުރުން ހުޅުވާލެވިފައިވާކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

"މި ޓައިމްލައިން ނިމޭ އިރު ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު 2 ފަހަރަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކްއަޕް ހެދިގެންދާނެ" އޭނާ ވިދާޅުވިއެވެ.

 

އޭނާ ވިދާޅުވި ގޮތުގައި މި ހިދުމަތް ހޯދުމަށް ވަކި ޓައިމްލައިން ތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ހިދުމަތް ދިނުމަށް ފުރަތަމަ ހުޅުވާލާނީ 50 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށާއި 1 އޭޕްރިލް އަށް ފަހު 35 އަހަރާއި 49 އަހަރު ދެމެދު އަދި 19 އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލެވިގެންދާނެކަމަށް ޒީނިޔާ ފާހަގަ ކުރެއްވިއެވެ. އަދި 19 އަހަރާއި 34 އަހަރާއި ދެމެދުގެ ފަރާތް ތަކަށް 1 ޖުލައި އިން ފެށިގެން ހުޅުވާލެވިގެންދާނެކަމަށް އޭނާ ހާމަ ކުރެއްވިއެވެ. 

ފުރަތަމަ ޗެކްއަޕް ހެދުމަށް ފަހު ދެވަނަ ޗެކްއަޕް ހެދޭނީ 6 މަސް ފަހުން ކަމަށާއި މި ޗެކްއަޕް ހެދުމަށް މި ހިދުމަތްދޭ ތަނައްކަށް ގޮސްގެން ނުވަތަ ގުޅައިގެން ނަން ނޯޓުކުރެއްވުމުން އެކަން ކުރިޔަށް ގެންދާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ކޮންމެ އުމުރުފުރެއްގެ ފަރާތްތަކުން ހަދަން ޖެހޭ ޓެސްޓުތަކުގައި ކުޑަ ތަފާތެއް އުޅެދާނެކަމަށާއި ސަބަބަކީ ޕެކޭޖްތައް ހަދާފައި ވަނީ އެ އުމުރު ފުރައަކާއި އަދި ޖިންސަކާއި ގުޅޭ ބަލިތައް ދެނެގަނެވޭނެ ގޮތަށް ކަމަށް ވާތީ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް