ads
މާދަމާއިން ފެށިގެން ވޯކް ޕާމިޓަށް އެދޭއިރު މެޑިކަލް ހުށަހަޅަން ޖެހޭނެ
މާދަމާއިން ފެށިގެން ރާއްޖެއަށް އެތެރެވާ ބިދޭސީންނަށް ވޯކް ޕާމިޓްދޭނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ ގަބޫލްކުރާތަނަކުން ދޫކުރާ މެޑިކަލް ހަދައި ހުށަހެޅުމުންކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ބުނީ 

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ވޯކް ޕާމިޓް ހެއްދުމަށްޓަކައި ހަދަންޖެހޭ މެޑިކަލް އާ ނުލައި ވޯކް ޕާމިޓް ދޫކުރަމުން ގެންގޮސްފައިވާކަމަށެވެ.

އެހެން ނަމަވެސް، 2024 ޖަނަވަރީ 04 ވަނަ ދުވަހުން ފެށިގެން ވޯކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ވޯކް ޕާމިޓް ދޫކުރެވޭނީ އަދި ވޯކް ޕާމިޓް ދޫކުރެވިފައިވާ ފަރާތްތަކަށް އެ ޕާމިޓްގެ މުއްދަތު އިތުރުކުރުމަށް ވޯކް ޕާމިޓް ފީ ދެއްކޭނީ، އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ މެޑިކަލް ޚިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހަދާފައިވާ ރިޕޯޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުންކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެއެވެ.

އަދި، ވޯކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވާ ފަރާތްތަކަށް 15 ދުވަހުގެ ތެރޭގައި މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

 މިވަގުތު ވޯކް ޕާމިޓް މުއްދަތު ހަމަވެފައިވާ ބިދޭސީއެއް ރާއްޖެއިން ބޭރުގައި ހުރި ނަމަ، އެ ފަރާތަކަށް ވޯކް ޕާމިޓްގެ މުއްދަތު އިތުރުކޮށް، ރާއްޖެ އެތެރެވެވޭނީ، ރާއްޖެއިން ބޭރުން މެޑިކަލް ރިޕޯޓެއް ހައްދައި، އެކްސްޕެޓް ސިސްޓަމަށް ހުށަހަޅައިގެންނެވެ.

 އެގޮތަށް ހުށަހަޅާ މެޑިކަލް ރިޕޯޓްތަކުގައި، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ހުރިހާ ޓެސްޓުތަކެއް ހިމެނެންޖެހޭނެއެވެ.

 ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވޯކް ޕާމިޓަށް ބޭނުންވާ މެޑިކަލް އާ ނުލައި ވޯކް ޕާމިޓް ދޫކޮށްފައިވާ ފަރާތްތަކުގެ މެޑިކަލް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް 2024 ޖުލައި 04 ގެ ނިޔަލަށް ހުށަހަޅަން ޖެހޭނެކަމަށް އެ މިނިސްޓްރީން ބުނެެއެވެ.

 އެ މުއްދަތާއި ހަމައަށް މެޑިކަލް ހުށަހަޅާފައި ނުވާ ފަރާތްތަކަށް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 ފެބްރުއަރީ ހަތަރު ވަނަ ދުވަހުގެ ފަހުން ފުރައިގެންދާ ފަރާތްތަކުގެ ވޯކް ޕާމިޓް ކެންސަލް ކުރެވޭނީ، ވޯކް ޕާމިޓް މެޑިކަލް ރިޕޯޓަށް އެކްސްޕެޓް ސިސްޓަމްގައި ދެވިފައިވާ މުއްދަތު ހަމަނުވާނަމައެވެ.

 މުއްދަތު ހަމަވެފައިވާނަމަ، މެޑިކަލްގެ މުއްދަތު ހަމަވެފައިވާ ކޮންމެ އަހަރަކަށް، ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން 2,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް އެ މިނިސްޓްރީން ބުނެެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް