ads
މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމްގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެ ޕާޓީގެ އިސް ބޭފުޅުން.-- ފޭސްބުކް ފޮޓޯ: އާޒިމް ފޯ މޭޔާ
ކުރީގެ ފޮރިން މިނިސްޓަރު ޝާހިދުގެ ބަހުގެ ހަމަލާތަކެއް ސަރުކާރަށް..!
މި ސަރުކާރުން ވެރިކަމަށް އަންނަން ވެގެން ހެދި ހުރިހާ ދޮގުތަކެއް މިހާރު ކުނިވެފައިވާ ކަމަށް ވިދާޅުވެ، ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަންގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަހުގެ ހަމަލާތަކެއް ރައީސް ޑރ. މުއިއްޒުގެ އެޑްމިނިސްޓްރޭޝަނަށް އަމާޒުކޮށްފި އެވެ.

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަދައްކަމުން ޝާހިދު ވިދާޅުވީ ނިމުނު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ޕީޕީއެމް/ޕީއެންސީން ބޮލަށް ލައިގެން ހިނގި ފިތުނައިގެ ދޮލަނގުގައި ހުރިއްޔާ ހުރި އެއްޗެއް ކުނިވެ ހަރާބުވެ ފަނި އަޅައި ފަނިފަކުސާއަށް ވެގެން ހިނގެއްޖެ ކަމަށެވެ.

"ބޮލަށް ލައިގެން ހިނގި ފިތުނައިގެ ދޮލަނގުގައި ހުރީއްޔާ ހުރި އެއްޗެސް 52 ދުވަސް ނުވަނީސް ކުނިވެއްޖެއޭ. އެއިން ދުވާ ނުބައި ވަހުން ރާއްޖޭގެ ރައްޔިތުންނަށް، މާލޭގެ ރައްޔިތުންނަށް ނޯއް ދަމާލަން ނުކެރޭ މިއަދު،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ހަތިޔާރާއެކު ތިބި ކަމަށް ބުނެ ފެތުރި ވާހަކަތަކާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ބުނެ ކުރި ތުހުމަތުތަކުގައި ވެސް އެއްވެސް އަސްލެއް ނެތްކަން މިހާރު ހާމަވެފައިވާ ކަމަށެވެ.

"ކީއްވެގެންތޯ ސާފުކޮށް އިންޑިއާ ސިފައިންގެ އަދަދު ވިދާޅުނުވިގެން މި އުޅެނީ. މިހާރު ވިދާޅުވާ ވާހަކައަކީ އަދަދު އެއީ އެހާ މުހިއްމު އެއްޗެއް ނޫނޭ. ބަލަ އަދަދަކީ މުހިއްމު އެއްޗެކޭ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް މުހިއްމު އެއްޗެކޭ. އެއީ ދޮގެއް ވީމަ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީ އަކީ އެއް ފަހަރަށް ވުރެ ގިނަ ފަހަރަށް ރާއްޖެ ހެޔޮ ފާލަށް ގެންގޮސްފައިވާ ޕާޓީއެއް ކަމަށާއި ރާއްޖެ އަށް ނިކަމެތިވާ ފަދަ ކަމެއް ދުވަހަކު ވެސް ނުކުރާނެ ކަމަށެވެ. އަދި އިދިކޮޅުގައި ތިއްބަސް ރާއްޖެ އަށް ނިކަމެތިކަން ލިބޭނެ ކަމެއް ނުކުރާނެ ކަމަށާއި އެފަދަ ކަމެއް ކުރިޔަކަ ވެސް ނުދޭނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ މިހާރު ވެރިން އިދިކޮޅުގައި ތިއްބަވައިގެން ދެއްކެވީ ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިންނެއް ތިބި ވާހަކަ އާއި އުތުރު ތިލަފަޅުން ވެސް ކޯނދު ލައި އަރާ ވަރަށް ބޭރުގެ ސިފައިން ތިބި ކަމަށެވެ. 

ނަމަވެސް ވެރިކަމަށް ވަޑައިގެންނެވިތާ 52 ދުވަސް ވެގެން ދިޔައިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސާފު އަދަދު ވިދާޅުވާން ކެރިވަޑައިނުގެންނެވިކަން ކުރީގެ ފޮރިން މިނިސްޓަރު ރޭ ފާހަގަ ކުރެއްވިއިރު ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ވަރަށް އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ ކުރީ ސަރުކާރަށް ކުރި ތުހުމަތުތަކުގެ ހަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހަދަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވަނީ ހުށައަޅައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްމުގުޣުނީ ހުށަހެޅުއްވި އެ ގަރާރު ތަޅުމުން ފާސްކޮށް މިހާރު ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

މުގުނީ ހުށަހެޅުއްވި ގަރާރުގައި ބުނެފައިވާ ގޮތުގައި، އިބޫ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތާއި ސިޔާދަތަށް އަސަރު ކޮށްފައިވާ ކަމަށް އެކި ފަރާތްތަކުން ތުހުމަތުކުރެ އެވެ.

މި ތުހުމަތުތަކާ ގުޅިގެން ރައްޔިތުން އެކަންކަމާ ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ތެދު ހަގީގަތް ހާމަކުރުމަށް ރައްޔިތުން ގޮވާލަމުންދާ ކަމަށާއި މި ކަމުގެ ހަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމަކީ ރާއްޖޭގެ ހަމަޖެހުމަށާއި މަސްލަހަތު ހިމާޔަތްކުރުމަށް މުހިންމު ކަމެއް ކަމަށް ބުނެފައިވެ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް