ads
އޭސީސީން ފުލުހުންނާ ދެކޮޅަށް ހައިކޯޓަށް
ފުލުހުންގެ ޕްރޮމޯޝަނާ ގުޅިގެން އޭސީސީން އެދުނު އަމުރު ނުދޭން ސިވިލް ކޯޓުން ނިންމި ނިންމުން އޭސީސީން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ފުލުހުންގެ ޕްރޮމޯޝަން ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމީ، މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ. ފުލުހުންނަށް ދޭން ނިންމި ޕްރޮމޯޝަންތައް މަޑުޖައްސާލަން މިދިޔަ އޮކްޓޫބަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި ނަމަވެސް ފުލުހުން ވަނީ އެ އެންގުމަށް އަމަލުކުރަން ދެކޮޅު ހެދުމަށްފަހު ބައެއް ފުލުހުންނަށް ޕްރޮމޯޝަން ދީފަ އެވެ.

އެހެންވެ، އޭސީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަންގެ އެންގުމަށް އަމަލުކުރަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ. އަދި އެ މައްސަލަ ނިމެންދެން ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެ ކޮމިޝަނުން ކޯޓުގައި އެދުނެވެ. ނަމަވެސް ދައުލަތުން އެކަމަށް ދެކޮޅު ހެދި އެވެ.

ސިވިލް ކޯޓުން ނިންމި ނިންމުމުގައިވަނީ އޭސީސީގެ ގާނޫނުން އެ ކޮމިޝަންގެ ޒިންމާއަކީ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރުމަށްފަހު ދައުވާކުރަން ފޮނުވުން ކަމަށާއި އަދި އެ ކޮމިޝަންގެ އެންގުމަށް ފުލުހުން އަމަލު ނުކުރުމަކީ އެ ކޮމިޝަނުން ކުރަމުންދާ ތަހުގީގަކަށް ހުރަސް އެޅިގެންދާނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ، ވަގުތީ އަމުރު ނެރެދޭން އެދޭ ކަންކަމަކީ ވަގުތީ އަމުރު ނެރުމުގައި ފުރިހަމަ ވާންޖެހޭ ޝަރުތު ފުރިހަމަވާ ކަމެއް ނޫން ކަމަށް އެ ނިންމުމުގައިވެ އެވެ. އެހެންވެ، އޭސީސީން އެދުނު ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެ ނިންމުން އޭސީސީން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ޖަނަވަރީ ދެ ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެ މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނުނިންމައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް