ads
ކޭލަކުނު
ކޭލަކުނު އިކޯޓޫރިޒަމް އަށް ފައްކާ ކުރާތީ އިކޯކެއާ އިން ކަންބޮޑުވުން ފާޅުކޮށްފި
ހދ. ކޭލަކުނު އިކޯޓޫރިޒަމް އަށް ފައްކާ ކުރަން ސަރުކާރުން ނިންނުމާއެކު އިކޯކެއާ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ތިމާވެށި ރައްކާތެރިކުރުމަށް ވަކާލާތުކުރާ ދިވެހި ޖަމިއްޔާއެއް ކަމަށްވާ އިކޯކެއާ މޯލްޑިވްސް އިން މިހެން ބުނެފައިވަނީ، ކޭލަކުނަކީ އިކޯ ޓޫރިޒަމް އަށް ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅައި، އެރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ރޭ ހާމަކުރުމާ ގުޅިގެންނެވެ.

އެ ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އިކޯކެއާ މޯލްޑިވްސް އިން "އެކްސް" ގައި ކުރި ޕޯޯސްޓެއްގައި ވަނީ، ކޭލަކުނުގައި ޓޫރިޒަމް ތަރައްގީ ކުރުމުގެ އެއްވެސް މަޝްރޫއެއް ނުހިންގުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

މީގެއިތުރުން ކޭލަކުނަކީ ގައުމީ ތަރިކައެއް ކަމަށާއި، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި އެރަށް އޮންނަން ޖެހޭނީ ހިމާޔަތް ކުރެވިފައި ކަމަށް އިކޯކެއާއިން ބުނެފައިވެ އެވެ.

އެގޮތުން އެރަށުގެ ގުދުރަތީ ފުރިހަމަކަމަށް ގެއްލުން ލިބުނަ ނުދިނުމަށްޓަކައި، އެރަށަށް މީހުން އަރާ ފައިބާ ވަރު މަދު ކުރުން ޖެހޭ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ، ކޭލަކުނުގައި އިކޯޓޫރިޒަމް ތަރައްގީ ކުރާނީ އެރަށުގެ ގުދުރަތީ ރީތިކަމާއި މޫދުގެ ދިރުންތަކަށް ގެއްލުން ނުވާނެ ގޮތަށް ކަމަށެވެ.

އެ މަޝްރޫއުގެ ތެރެއިން އެރަށުގެ ފަޅުތެރޭގައި ފްލޯޓިން ރޫމްސް އެޅުމަށާއި، އެ ރަށުގައި ޒަމާނީ ފެންވަރުގެ ވިޒިޓާ ސެންޓަރެއް ގާއިމް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ނާޒިމް ވިދާޅުވެފައިވެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް