ads
އިއްޔެ އިންޑިއާގައި ވެސް ލަކްޝަދީބަށްވުރެ ގިނައިން ރާއްޖެ ސާޗް ކޮށްފައި
ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް އިންޑިއާއިން ވަރުގަދަ އެންޓި ކެމްޕެއިނެއް ފަށާފައިވާ މި ދަނޑިވަޅުގައި ވެސް، ފާއިތުވި 24 ގަޑިއިރު ތެރޭގައި އިންޑިއާއިންވެސް ގޫގްލްގައި ލަކްޝަދީބަށް ވުރެ ގިނައިން ރާއްޖެ ސާޗް ކޮށްފައިވާކަމަށް ހާމަވެއްޖެ އެވެ.
Advertisement

ރާއްޖެއާއި އަވައްޓެރި އިންޑިއާގެ މެދުގައި މައްސަލަ ހޫނުވެ ރާއްޖެ ބޮއިކޮޓް ކުރުމަށް އިންޑިއާއިން އަޑުއުފުލަމުންދާ ނަމަވެސް، އިންޑިއާގައި ވެސް އިއްޔެ އެންމެ ގިނަ އަދަދަކަށް ސާޗް ކޮށްފައިވަނީ ދިވެހިރާއްޖެ ކަމަށް ގޫގްލް ޓްރެންޑްސް އިން ދައްކައެވެ.

އެގޮތުން ގޫގްލް ޓްރެންޑްސް އިން ހާމަވާ ގޮތުގައި އިންޑިއާގެ ސިޔާސީ ބޭފުޅުންނާއި ފިލްމީ ތަރިންވެސް މެދުނުކެނޑި ޕްރޮމޯޓް ކުރަމުންދާ ލަކްޝަދީބަށް އިއްޔެ ލިބިފައިވަނީ 46 އިންސައްތައެވެ. އަދި 54 އިންސައްތައާއެކު އިންޑިއާގެ ސާޗް ޓްރެންޑްގެ އެންމެ ކުރީގައި އޮތީ އެގައުމުން ބޮއިކޮޓް ކުރަން ގޮވާލާ ދިވެހިރާއްޖެ އެވެ. 

ފާއިތުވި 24 ގަޑިއިރުގެ ގޫގްލް ސާޗް ޓްރެންޑްސް އަށް ބަލާލާއިރު މުޅި ދުނިޔޭގައިވެސް ލަކްޝަދީބަށް ވުރެ ބޮޑު އިންސައްތައެއް ލިބެނީ ރާއްޖެއަށެވެ.

ރާއްޖެ ކައިރިން އިންޑިއާއަށް ކުރި ލިބެނީ ވޭތުވެދިޔަ ހަތް ދުވަހުގެ މައުލޫމާތަށް ބަލާލުމުންނެވެ. މިދިޔަ ހަތް ދުވަހަށް ބަލާއިރު މުޅި ދުނިޔެއިން ވެސް ރާއްޖެއަށްވުރެ ގިނައިން ލަކްޝަދީޕް ސާޗް ކޮށްފައި ވަނީ ހަމައެކަނި އިންޑިއާގަ އެވެ. އެގޮތުން އިންޑިއާގެ ސާޗް ޓްރެންޑުގައި ލަކްޝަދީބް ކުރީގައި އޮތީ ހަނި ފަރަގަކުންނެވެ.

މީގެއިތުރުން ރާއްޖެއަށް ޑިމާންޑް ބޮޑު ވިލާތުގެ ބައެއް ގައުމުތަކާއި ޗައިނާގެ ގޫގްލް ސާޗް ޓްރެންޑްސް އަށް ނަޒަރު ހިންގާލާއިރު ރާއްޖެ އުޅެނީ 100 އިންސައްތައާ ގާތްކުރާ ފަށުގައެވެ.

ރާއްޖެއާއި އިންޑިއާގެ ދެމެދުގައި މަސްލަހަތު ގޯސްވެފައި މިވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އިންޑިއާގެ ސަރުކާރަށް ތާއީދުކުރާ ބައެއް އެކްޓިވިސްޓުން ހިންގާ ކެމްޕެއިނަކާ ގުޅިގެން، ދިވެހި ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން އެކަމަށް ރައްދު ދިނުމާއި ގުޅިގެންނެވެ.

މި ކެމްޕެއިން ފަށާފައިވަނީ ލަކްޝަދީބް ޕްރޮމޯޓް ކުރުމުގެ ނަމުގަ އެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ހަފްތާގައި ލަކްޝަދީބަށް ވަޑައިގެން އެތަނުގެ ރީތީ ކަމާއި ހިތްގައިމުކަމަށް ތައުރީފު ކުރައްވައި އެކްސްގައި ފޮޓޯތަކެއް އާންމުކުރައްވާފަ އެވެ.

އެއާއެކު އިންޑިއާގެ ބައެއް ފަރާތްތަކުން ވަނީ، ދެން އަލުން ރާއްޖެ ބޭނުން ނުވާ ކަމުގެ އިޝާރާތެއް އިންޑިއާ އިން ދީފި ކަމުގައި ބުނެ މީސް މީޑިއާގައި ވާހަކަ ދައްކާފައެވެ.

އެކަމާ ގުޅިގެން ހުތުރު ބަސްމަގުން އިންޑިއާއަށް ރައްދު ދިން މައްސަލައާއި ގުޅިގެން ތިން ޑެޕިއުޓީ މިނިސްޓަރުން ސަރުކާރުން ވަނީ ސަސްޕެންޑް ކޮށްފައެވެ.

މި މައްސަލައިގައި އިންޑިއާގެ މަޝްހޫރު ފިލްމީތަރިން ވަނީ، ރާއްޖެގެ ބަދަލުގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ލަކްޝަދީބަށް ޒިޔާރަތް ކުރުމަށް ގޮވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް