ads
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން (ވ) ސައުދީ ނުފޫޒުދަގަ ވަޒީރު މުހައްމަދު ބިން ސަލްމާން
އަރަބިންގެ މެސެޖަކުން އެކަނި ފަލަސްތީނަށް ފުދޭތަ..!
އަރަބިންނަށް ހާއްސަ މެސެޖަކާއި އެކު އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން ޔަހޫދީންގެ ގާތަށް ވަޑައިގަންނަވައިފި އެވެ. މި ދަތުރު ހާއްސަ ވަނީ ގާޒާގައި މަރުވި މީހުންގެ އަދަދާއި ދެކުނު އެފްރިކާއިން އިޒްރޭލާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅެއްގައި އަރިބި ލީޑަރުންގެ ގާތަށް ބްލިންކަން ވަޑައިގަތުމުން ނެވެ.

ބްލިންކަން ޔަހޫދީންގެ އިސްވެރިޔާއާއި ބައްދަލުކުރައްވާފައިވަނީ މެދުއިރުމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބައެއް އަރަބި ގައުމުތަކަށް ވަޑައިގެންނެވުމަށް ފަހުގަ އެވެ.

ހަނގުރާމައިގެ ސަބަބުން ގޮންޖެހުންތައް އެބަހުރި ކަމަށާއި ޔަހޫދީންގެ ދައުލަތް އަރަބިންނަށް ބަލައިގަނެވޭނީ ޝަރުތެއްގެ މަތިން ކަމަށާއި އެއީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް މަގު ކޮށައިދިނުން ކަމަށާއި އަދި އަރަބި ގައުމުތަކުން ޔަހޫދީންނާ އެކު ގުޅުން ބަދަހި ކުރުމުގައި ދެމިއޮންނާނީ އެ ޝަރުތު ފުރިހަމަ ކޮށްދިނުމުން ކަމުގައި ޔަހޫދީންގެ އިސްވެރިންނާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި އަރަބިންގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ބްލިންކަން ވިދާޅުވިއެވެ. އަރަބިންގެ ހާއްސަ މެސެޖަކީ އެއީ އެވެ.

މިއީ އޮކްޓޫބަރު 7 ވަނަ ދުވަހު ގާޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީންގެ ލާއިންސާނީ އުދުވާން ފެށި ފަހުން ބަލިންކަން ޔަހޫދީ ދައުލަތަށް ވަޑައިގަންނަވާފައިވާ ހަތަރު ވަނަ ފަހަރެވެ. އެ ދަތުރުފުޅުގައި ޔަހޫދީންގެ އުދުވާނުގައި ޝަހީދުވަމުން ދާ ފަލަސްތީނުގެ ކުށެއްނެތް މުސްލިމުންގެ އަދަދު މަދު ކުރެވޭނެ ގޮތްތަކެއް ހޯދަން ޔަހޫދީންނަށް ބާރު އަޅުއްވާނެ ކަމަށާއި އުދުވާނާ ގުޅިގެން ގައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހުކޮށްދިނުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ދާދިފަހުން ވިދާޅުވެފައިވާ ގޮތުގައި ގައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އިސްތިއުމާރީ ސިފައިން އެ ސަހަރުން ބޭލުމަށް އެމެރިކާއިން ގޮވައިލާފައިވާނެ އެވެ.

އަދި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ ވެސް މިފަހުން ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވި ބައްދަލުވުމެއްގައި ސެކްރެޓަރީ އޮފް ސްޓޭޓް ވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ފަދަ ހަމަލާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ކަމެއް ކުރުމުގެ ހައްގު އިޒްރޭލަށް އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ބްލިންކެން ވަނީ ހަަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 23،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު "އާންމުންނަށް ލިބޭ އިތުރު ގެއްލުމަކުން ސަލާމަތްވެ، ގާޒާގެ މަދަނީ އުމްރާނީ ވަސީލަތްތައް ހިމާޔަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ބާރު އަޅުއްވައިފަ" އެވެ.

ނަމަވެސް މިއިން އެއްވެސް ކަމެއްގެ އަސަރެއް ޔަހޫދީ އިޒްރޭލަކަށް ނުކުރެއެވެ. ކަހާތަން ހިރުވާވެސް ނުލައެވެ. ޔަހޫދީ އިޒްރޭލުން ދަނީ ހުއްޓުމެއްނެތި އުދުވާނީ ހަމަލާތައް ދެމުންނެވެ. ހަމާސް ނައްތާލަން ކަމަށް ބުނެ ދެމުން މިދާ ހަމަލާތަކުގައި ފަލަސްތީނުގެ 23،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައިވާއިރު އދގެ އިންސާނީ އެހީއާ ބެހޭ އިދާރާއިން އަގުސާ ހޮސްޕިޓަލުގެ އިތުރުން މެދުތެރޭ ގާޒާއާއި ދެކުނުގައިވާ ހާން ޔޫނިސްގެ ހޮސްޕިޓަލްތަކަށް ވެސް ޔަހޫދީ ފައުޖުން ރަޙުމު ކުޑަ ހަމަލަތަކެއް ދީފައިވާ ކަން ކަށަވަރު ކޮށްދީފައިވެ އެވެ.

މީގެ އިތުރުން އދގެ އިންސާނީ އެހީއާ ބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި އެ ހަމަލަތަކާ ގުޅިގެން އެ ހޮސްޕިޓަލްތަކުން ހިދުމަތްތައް މެދުކަނޑައިލާ، އެ ތަންތަން ބަންދު ކުރަން މަޖުބޫރުވަމުންދާ ކަމަށާއި ޔަހޫދީންގެ އުދުވާނުގައި ޒަހަމު ކޮށްލާފައިވާ އެތަކެއް ހާސް ބަޔަކަށް ފަރުވާދެވޭނެ ގޮތެއް މިހާރު ނެތް ކަމަށެވެ.

ފަލަސްތީންގެ އާންމުންނަށް އަނިޔާކުރާ އާންމު ޔަހޫދީންގެ އަމަލުތައް ހުއްޓުވުމަށް އެމެރިކާއާ ޔޫރަޕުން ވެސް ވަނީ އިޒްރޭލަށް ގޮވާލާފަ އެވެ. އެކަމަކު ވެސް ޔަހޫދީންގެ އަނިޔާވެރިކަން އެ ގޮތުގައި އަދިވެސް ދަނީ ކުރިއަށެވެ. 

އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ގާޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއެއްގެ ރައްދުގައި ކަމަށް ބުނެ ގާޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 23410 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. ހަމަލާތަކުގައި ޒަހަމުކޮށްލައިފައިވާ މީހުންގެ އަދަދު ވަނީ 62167 އަށް އަރައިފައެވެ.

ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 87 އިންސައްތަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު، ކާނާއާއި ސާފު ފެން އަދި ތެލާއި ބޭސް ފަރުވާއަށް ބޭނުންވާ ސާމާނު ލިބުންވެސް ވަނީ ދަތިވެފަ އެވެ.

މިހާލުގައި ކުށެއްނެތް ފަލަސްތީނުގެ އާއިލާތައް ދިރިއުޅެމުންދާއިރު، އުފެދޭ ސުވާލުތަކަކީ ޔަހޫދީންނަށް އަރަބިންގެ މި މެސެޖުން އަސަރެއް ކުރާނެ ހެއްޔެވެ؟ ނޫނީ ހަމައެކަނި މި ފޮނުވި ހާއްސަ މެސެޖުން ކުށެއްނެތް ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާތަކަށް ހުއްޓުމެއް އަންނާނެ ހެއްޔެވެ؟ ނޫނީ އަރަބިން ހަމައެކަނި ހާއްސަ މެސެޖަކުން ފުއްދާލާނީ ހެއްޔެވެ؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް