ads
ރާއްޖެ އާއި ޗައިނާއާ ދެމެދު ބޭއްވި ރަސްމީ މަޝްވަރާތަކުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ރާއްޖެ އާއި ޗައިނާއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައިފި
ދިވެހި ރާއްޖެ އާއި ޗައިނާ އާއި ދެމެދު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރަސްމީ ވާހަކަފުޅުތައް މިއަދު ކުރިއަށް ކުރިއަށް ގެންގޮސްފި އެވެ.

ރައީސް ޑރ. މުއިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އިސްކޮށް ތިއްބަވައިގެން ކުރިއަށް ގެންދެވި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައިވަނީ ބެއިޖިންގ ގެ ގްރޭޓް ހޯލް އޮފް ޕީޕަލް ގައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުތަކުގައި ދިވެހިރާއްޖޭގެ އިޤްތިސާދު ކުރިއެރުމުގައި ޗައިނާއިން މުހިންމު ދައުރެއް އަދާކުރާކަން ޝުކުރުވެރި ކަމާއެކު ފާހަގަކުރައްވައި ވޭތުވެދިޔަ އަހަރުތަކުގައި އެ ގައުމުގެ ދީލަތި އެހީ އެކި ދާއިރާތަކުން ރާއްޖެއަށް ލިބިފައިވާކަންވެސް ރައީސް ފާހަގަކުރެއްވެވި އެވެ. އޭގެތެރޭގައި ބޯހިޔާވަހިކަމާއި، ތައުލީމީ ދާއިރާއާއި އުމްރާނީ ތަރައްގީގައި ލިބިފައިވާ އެހީ ރައީސް ވަކިން ހާއްސަކޮށް ފާހަގަކުރެއްވުމުގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް ވާހަކަފުޅުގައި މަޝްވަރާކުރެއްވި އެވެ.

ދިވެހިރާއްޖޭގައި ނިމުނު ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯއްދެވި ކާމިޔާބީއަށްޓަކައި މަރުހަބާ ދަންނަވައި ރައީސްގެ މި ދަތުރުފުޅަކީ ޗައިނާ އާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމުގެ އައު ބާބެއް ފެށިގެންދާނެ ކަމަކަށް ވެގެންދާނެކަމަށް ޔަގާންކުރައްވާކަމަށް މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވާހަކަ ފުޅު ދައްކަވަމުން ވިދާޅުވެފައިވެ އެވެ. އަދި ހަމައެހެންމެ ނޫ އިގުތިސޯދާއި ފެހި އިޤްތިޞާދުގެ އިތުރުން ޑިޖިޓަލް އިގުތިސޯދު ހިމެނޭހެން ތަފާތު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އުއްމީދުކުރައްވާކަމުގައި ވެސް ވިދާޅުވި އެވެ.

މި ބައްދަލުވުމަށްފަހު ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ދެ ގައުމުން ވަނީ ސޮއިކޮށްފައިވާއިރު މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ދެ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިގަންނަވާފަ އެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުގައި ދެ ލީޑަރުން ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމުގެ އުއްމީދު އާކުރެއްވި އެވެ.

ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ މި ދަތުރުފުޅަކީ ރައީސްގެ ދެކަނބަލުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް މި ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް