ads
މިދިޔަ އަހަރު މީރާއަށް 24.74 ބިލިއަން ރުފިޔާގެ އާާމްދަނީއެއް
މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 24.74 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

މީރާއިން ބުނީ މިއީ ފާއިތުވި އަހަރު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށްވުރެ 6.5 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

މީރާއަށް 2023 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 23.06 ބިލިއަން ރުފިޔާ ކަމަށާއި، ނަމަވެސް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފާސްކޮށްފައިވާ ސަޕްލިމެންޓަރީ ބަޖެޓުގައި އެ އަންދާޒާއަށް ގެނައި ބަދަލާއެކު އެ އަދަދު 23.22 ބިލިއަނަށް އިސްލާހު ކޮށްފައިވާ ކަމަށް މީރާއިން ބުނެ އެވެ.

މިދިޔަ ޑިސެމްބަރު މަހުގައި މީރާއަށް ލިބިފައިވާ ޖުމްލަ އާމްދަނީ 2.21 ބިލިއަން ރުފިޔާއަށް އަރާއިރު، މި އަދަދަކީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 15.4 އިންސައްތަ ދަށް އަދަދެކެވެ. ނަމަވެސް މިއީ މިދިޔަ ޑިސެމްބަރު މަހުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 9.4 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ބުނެ އެވެ.

މީރާއިން ހާމަކުރި ގޮތުގައި ޑިސެމްބަރު މަހުގައި ލިބުނު އާމްދަނީގެ އެންމެ ބޮޑު އަދަދެއް ޖީއެސްޓީއަށް ލިބިފައިވާއިރު، އެއާ ޖެހިގެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.21 ބިލިއަން ރުފިޔާ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 377.51 މިލިއަން ރުފިޔާ އެ އިދާރާއަށް ވަނީ ލިބިފަ އެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު ގައި ލިބޭނެކަމަށް ލަފާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވީ، އެކްސްޕެޓްރިއޭޓް ކޯޓާ ފީ އާއި ޖީ.ޖީ.އެސް.ޓީ އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އާއި، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމުން ކަމަށް މީރާއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް