މި މަހުގެ 31 ވަނަ ދުވަހު އެފްއޭއެމްގެ އިންތިހާބު ބާއްވަން އެފްއޭއެމުން މަސައްކަތް ކުރަމުންދަނީ، ސްޕޯޓްސް ކޮމިޝަނަރު އެ އިންތިހާބު ފަސްކުރަން އަންގާފައިވަނިކޮށެވެ. އިންތިހާބުގައި ވާދަކުރަން ހުށަހަޅާފައިވާ އަހްމަދު ތޯރިގުގެ ކެންޑީޑޭސީ ރިޖެކްޓްކޮށްފައިވާއިރު، އިންތިހާބާ ގުޅޭ ސީރިއަސް މައްސަލަތަކެއްވެސްވަނީ ފެންމަތިވެފަ އެވެ.
ކަން މިހެން ހުރިއިރު، ސޭވް އެފްއޭއެމް މޫވްމެންޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ބައްސާމް އަދީލް ޖަލީލް މަސައްކަތް ކުރަމުންދަނީ ބަގާވާތެއް ކުރަން ކަމަށެވެ.
މި މަހުގެ 31 ވަނަ ދުވަހު އިންތިހާބު ބާއްވަން އެފްއޭއެމުން މަސައްކަތް ކުރަމުންދާއިރު، އެ އިންތިހާބުގައި ވާދަކުރަން ފޯމް ހުށަހެޅި، ކުރީގެ އެއްވަނަ ފޯވާޑު އަހްމަދު ތޯރިގު- ޓޮމްގެ ކެންޑީޑޭސީ ބަލައި ނުގަންނަން އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ނިންމާފައިވާއިރު، އެ ކޮމިޓީގެ ނިންމުން ޓޮމްގެ ފަރާތުން އެޕީލް ކުރަން ހުށަހަޅާފައިވާއިރު، ދިމާވެގެން އުޅޭ މައްސަލައަކީ، އެފްއޭއެމްގެ އިންތިހާބީ ގަވައިދުގައި ބުނާ އެޕީލް ކޮމިޓީ ނެތުމެވެ.
އެފްއޭއެމްގެ އިންތިހާބު ގަވާއިދު ނުވަތަ އިލެކްޓޯރަލް ކޯޑުގައި ގައިވާ ގޮތުން، އިންތިހާބީ ކޮމިޓީއާއެކު ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެޕީލް ކޮމިޓީއެއްވެސް ކޮންގްރެސްގައި އިންތިހާބު ކުރަން ޖެހެ އެވެ. މީގެ ތެރެއިން އެކަކީ ގާނޫނީ ތަމްރީނު ލިބިފައިވާ މެންބަރެއް ކަމަށްވާން ޖެހޭނެ ކަމަށް އިލެކްޓޯރަލް ކޯޑުގައި ބުނެފައިވެއެވެ. އެހެންނަމަވެސް މިދިޔަ އަހަރު އޮތް ކޮންގްރެސްގައި ވެސް މި ކޮމިޓީ އިންތިހާބުކޮށްފައެއް ނުވެ އެވެ.
އިލެކްޓޯރަކް ކޯޑުގައިވާ ގޮތުން އެޕީލާ މެދު ގޮތެއް ނިންމުން އޮތީ، އެޕީލް ހުށަހަޅާ ދުވަހުން ފެށިގެން ތިން ދުވަހުގެ މުހުލަތެކެވެ. އަދި އެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް އިލެކްޓޯރަލް ކޯޑުގައި ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.
އިލެކްޓޯރަލް ކޯޑުގައިވާ އެޕީލް ކޮމިޓީއާ ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް އެފްއޭއެމުން ޖަވާބެއް ނުދެއެވެ. އެކަމަކު، އެންމެ ފަހުން އޮތް އެފްއޭއެމްގެ ކޮންގްރެސްގެ ޔައުމިއްޔާގެ ކޮޕީއެއް ސީއެންއެމަށް ލިބިފައިވާއިރު، އެޕީލް ކޮމިޓީއެއް ކޮންގްރެސްގައި އިންތިހާބުކޮށްފައި ނުވާކަން އެ ޔައުމިއްޔާއިން އެނގެ އެވެ.