ads
އެލްޖީއޭގެ ނިންމުން ބަލައެއް ނުގަންނާނަން: ތިނަދޫ ކައުންސިލް
ގދ. ތިނަދޫގައި އަދިވެސް އޮތީ ރަށު ކައުންސިލެއް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުން ނިންމި ނިންމުން ބަލައި ނުގަންނާނެ ކަމަށް ތިނަދޫ ކައުންސިލުން ބުނެފި އެވެ.

ތިނަދޫ އަކީ ސިޓީއެއް ކަމަށް ކަނޑައެޅުމާއި ގުޅިގެން، ތިނަދޫ ކައުންސިލްގެ ނަން "ތިނަދޫ ސިޓީ ކައުންސިލް" އަށް ބަދަލުކޮށް، ކައުންސިލަށް ފޮނުވާ ސިޓީތައް ސިޓީ ކައުންސިލްގެ "މޭޔަރަށް" އެޑްރެސް ކުރުމަށް އަންގަމުން ދާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެލްޖީއޭ އިން ބޭއްވި ބޯޑު ބައްދަލުވުމެއްގައި ވަނީ ބަލާފައެވެ.

އެ މައްސަލައިގައި އެލްޖީއޭގެ ބޯޑުން ވަނީ، ތިނަދޫ ކައުންސިލްގެ ދައުރު ހަމަވެ، ސިޓީ ކައުންސިލް އިންތިހާބު ވަންދެން ހިނގަމުންދާ ކައުންސިލްގެ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، ތިނަދޫގައި އޮންނާނީ ސިޓީ ކައުންސިލެއްގެ ބަދަލުގައި ރަށު ކައުންސިލެއް ކަމަށް ނިންމައި ބަޔާނެއް ނެރެފައެވެ.

އެލްޖީއޭގެ އެ ނިންމުމާ ގުޅިގެން ތިނަދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެލްޖީއޭގެ ބޯޑުގެ އެ ނިންމުން ބަލައި ނުގަންނާނެ ކަމަށެވެ.

ތިނަދޫ ކައުންސިލުން ބުނެފައިވަނީ ރަށު ކައުންސިލަކުން ސިޓީ ކައުންސިލަކަށް ބަދަލު ކުރުމުގައި ހުރި ފުށުއެރުންތައް ހައްލު ކުރުމަށްޓަކައި ކައުންސިލުން ތަކުރާރުކޮށް އެލްޖީއޭއަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި އޮތް އެލްޖީއޭ އިން، އެ ފުށުއެރުންތަކަށް ހައްލު ހޯދައި ދިނުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް ކައުންސިލުން ބުނެއެވެ.

އެ ބަޔާނުގައި ބުނީ 2019 ވަނަ އަހަރު ލާމަރުކަޒީ ގާނޫނަށް ގެނައި އަށް ވަނަ އިސްލާހުގައި 51 ވަނަ މާއްދާ ހިމެނުމުގެ ބޭނުމަކީ، އިތުރު އިންތިހާބަކާއި ނުލައި މި ވަގުތު އިންތިހާބު ވެފައި އޮތް ކައުންސިލް ދެމިއޮވެ، ކައުންސިލްގެ ހައިސިއްޔަތު ވެސް އެއްކޮށް ބަދަލުވެގެން ދިޔުންކަން އެ އިސްލާހުން ހާމަވާ ކަމަށެވެ.

މީގެއިތުރުން ތިނަދޫ ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ، އެ ކައުންސިލުން އެއްވެސް ފަރާތަކަށް، ތިނަދޫ ސިޓީ ކައުންސިލްގެ "މޭޔަރަށް" މިފަދައިން އެޑްރެސް ކުރުމަށް އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ހިތުގައި ކައުންސިލާމެދު ނުތަނަވަސްކަން އުފެދޭ ގޮތަށް އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ވާ ހަގީގަތާ ހިލާފު ވާހަކަތައް ކުށްވެރި ކުރާ ކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް