ads
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
މޫސުމީ ބަދަލުތަކަށް ހޭނެން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
މޫސުމީ ބަދަލުތަކަށް ހޭނެންޖެހޭ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސީޖީއެންޓީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވެފައި ވަނީ މޫސުމީ ބަދަލުތަކަކީ ހަގީގަތެއް ކަމަށާއި އެކަމާ ބެހޭ އެއްވެސް ވާހަކައެއް ދޮގު ނުކުރާކަމަށެވެ. އަދި އެންމެ މުހިއްމު ކަމަކީ އެ ބަދަލަށް ހޭނި، އެކަމަށް ތައްޔާރުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުން ކަމުގަ އެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖޭން ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި އެގޮތުން މުޅި ރާއްޖޭގައި ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމާއި ފުށި ދިއްގަރު ފަޅުގައި ބިނާކުރައްވަން މަސައްކަތްކުރައްވާ ސަހަރު ކަނޑުގެ ލޮނޑުގަނޑުން ފެށިގެން ތިން މީޓަރުގެ އުސްމިނެއް ހުންނަ ގޮތަށް ހިއްކަން ނިންމަވާފައިވާ ނިންމެވުން ފާހަގަ ކުރައްވާފައި ވެއެވެ.

މޫސުމީ ބަދަލުތަކަކީ ހަގީގަތެއް ކަމަށް ރައީސް ސީޖީއެންޓީގައި ވިދާޅުވެ ލެއްވިއިރު، އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުގައި ރައީސް، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް އެންމެ ބޮޑަށް ކޮށްފާނެ ކަމަށް ބެލެވޭ ގެއްލުން ނަފީކުރެއްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި, ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭން ގެންގުޅޭ އަޑުހަރު ސިޔާސަތު އާ ސަރުކާރާ އެކު ބަދަލުވުމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރި އެވެ.

"އެއީ އަބަދުވެސް ދައްކާ ވާހަކައެއް.... އަޅުގަނޑަކަށް ހީއެއް ނުވޭ އެއީ [ނާސާ ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ރިޕޯޓުތައް] ހަގީގަތެއް ހެނެއް. މީގެ 50 އަހަރު ކުރިން ވެސް އެ ވާހަކަ ދެއްކި. ކަނޑުގެ ލޮނުގަނޑު އެހާ ބޮޑަށް އުފުލޭ މަންޒަރެއް އަޅުގަނޑުމެންނަށް ނުފެނޭ," މިއީ އެ ދުވަހު ރައީސް ބޭނުންކުރެއްވި އިބާރާތެވެ.

ނަމަވެސް ފާޑުކިޔުންތަކާއެކު، ޖެހިގެން އައި ދުވަހު އޭރު އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ރައީސް ވިދާޅުވި ބަހުގެ މުރާދަކީ އެއީ ނޫން ކަމަށާއި މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެ އަށް ކުރާކަން އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް