ރާއްޖެއާއި އިންޑިއާގެ ދެމެދު ގުޅުންތައް ހީނަރުވެ، ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް އިންޑިއާގައި މިހާރު ކުރިއަށްގެންދާ ބޮއިކޮޓް ކެމްޕެއިނުގެ ސަބަބުން ހޮޓެލްތަކުގެ ބުކިން ކެންސަލް ކޮށްފައި ހުރި މިންވަރު ބެލުމަށް މަޓާޓޯއިން ވަނީ ދިރާސާއެއް ކުރިއަށް ގެންގޮސްފަ އެވެ.
މަޓާޓޯގެ އެ ސާވޭގެ ނަތީޖާ ދައްކާ ގޮތުގައި، ރާއްޖެ ޒިޔާރަތް ކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު ގިނަވާން ފަށާފައި ވަނީ 2020 ވަނަ އަހަރުން ފެށިގެން ކަމުގައެވެ. އެގޮތުން އެ އަހަރު އިންޑިއާއިން 62,960 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް މަޓާޓޯއިން ހާމަކުރެ އެވެ.
އޭގެއިތުރުން 2021 ވަނަ އަހަރު 291,787 ފަތުރުވެރިން, 2022 ވަނަ އަހަރު 291,787 ފަތުރުވެރިން އަދި ނިމިދިޔަ 2023 ވަނަ އަހަރު 209,198 އިންޑިއާ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް މަޓާޓޯގެ ދިރާސާއިން ދައްކައެވެ.
2020 އަހަރުން ފެށިގެން ރާއްޖެ ޒިޔާރަތް ކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު މައްޗަށް ގޮސްފައިވަނީ، ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ކަމަށް އެ ދިރާސާއިން ދައްކައެވެ.
މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިން ކަމުގައި ވިއަސް، އެ އަހަރު އެ ގައުމުގެ ފަތުރުވެރިންގެ އަދަދު ވަނީ 2022 ވަނަ އަހަރަށްވުރެ 3.3 އިންސައްތަ ދަށްވެފަ އެވެ.
މަޓާޓޯއިން ބުނީ މި ފަހަކަށް އައިސް ބައެއް ބުކިންތައް ކެންސަލް ކުރުމާއެކު އިންޑިއާ ފަތުރުވެރިން ކޮންމެ ވެސް ވަރަކަށް މަދުވި ނަމަވެސް، މި މަހު އިންޑިއާ ފަތުރުވެރިން ދަށްވެފައިވަނީ، އެހެން އަހަރުތަކުގައި ވެސް މި މަހު އިންޑިއާ ފަތުރުވެރިންގެ އަދަދު މަދުވާ މިންވަރަށް ކަމަށެވެ.
އިންޑިއާއިން ރާއްޖެއާއި ދެކޮޅަށް މި އެންޓި ކެމްޕެއިން ފަށާފައިވަނީ ލަކްޝަދީބު ޕްރޮމޯޓް ކުރުމުގެ ނަމުގަ އެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ލަކްޝަދީބަށް ވަޑައިގެން އެތަނުގެ ރީތީ ކަމާއި ހިތްގައިމުކަމަށް ތައުރީފު ކުރައްވައި އެކްސްގައި ފޮޓޯތަކެއް އާންމުކުރައްވާފަ އެވެ.
އެއާއެކު އިންޑިއާގެ ބައެއް ފަރާތްތަކުން ވަނީ، ދެން އަލުން ރާއްޖެ ބޭނުން ނުވާ ކަމުގެ އިޝާރާތެއް އިންޑިއާ އިން ދީފި ކަމުގައި ބުނެ މީސް މީޑިއާގައި ވާހަކަ ދައްކާފައެވެ.