ads
ކައިޒީންގެ ބޯޓު މައްސަލަ ޖެހޭނީ އަލުން ބަލަން: ހައިކޯޓު
މަޝްހޫރު މޮޑެލެއް ކަމަށްވާ ފާތިމަތު ޒަޔާން (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކޯޓު މެދުވެރިކޮށް ހޯދަން އުޅުނު އަމުރު ނުދޭން ސިވިލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށް، އަލުން އެ މައްސަލަ ބަލަން ހައިކޯޓުން އަމުރުކޮށްފިއެވެ.

ކައިޒީން އޭނާގެ ބައްޕައާއި ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކޯޓު މެދުވެރިކޮށް ހޯދަން އުޅުނު އަމުރަކީ އެ ބޯޓު ގަންނަން ހަރަދު ކުރީ ކައިޒީން ކަމަށް ކަނޑައެޅުމަށާއި ބޯޓުގެ ރަޖިސްޓްރީ ކައިޒީންގެ ނަމަށް ބަދަލުކޮށް އަދި ބޯޓު ކައިޒީންއާއި ހަވާލު ކުރުމަށް އަމުރުކުރުމަށެވެ. 

ސިވިލް ކޯޓުން އެ އަމުރު ނުދިނީ އެ އަމުރުގައި އެދިފައިވާ ކަންކަމަކީ މައްސަލައިގެ މައުލޫއާ ގުޅުން ހުރި ކަންކަމަށްވެފައި، މައްސަލަ ނިންމާއިރު އެ ކަންކަމަށް ރިއާޔަތް ކުރާނެތީއެވެ. ސިވިލް ކޯޓުން މިދިޔަ އަހަރު އެ ގޮތަށް ނިންމުމުން ކައިޒީން ބައްޕަ ގޮވައިގެން ދިޔައީ ހައިކޯޓަށެވެ.

މި މައްސަލައަކީ ޅ. ނައިފަރަށް އުފަން ކައިޒީން އޭނާ 3.6 މިލިއަން ރުފިޔާ ދީގެން ބައްޕަ ލައްވައި ބޯޓު ގަތުމުން އެ ބޯޓު އޭނާގެ ރުހުން ނެތި ބައްޕަގެ ނަމަށް ރަޖިސްޓްރީކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ކުރިން ވަނީ އެ މައްސަލަ ނިމެންދެން، ބޯޓުގެ މިލްކުވެރިކަން ބަދަލު ނުކުރުމަށާއި އަދި ކުއްޔަށް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރަން ކައިޒީންގެ ބައްޕަ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެފަ އެވެ. 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނެރުނު އެ އަމުރުގައި އަމުރުގައިވަނީ ބޯޓު ގަތުމަށް ފައިސާ ދިނީ ކައިޒީން ކަން ސާބިތުކުރަން ހެކިތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

ބޯޓު ގަންނަން ފައިސާ ދިނީ ކައިޒީން ކަމާ މެދު އޭނާގެ ބައްޕަ އިންކާރު ކޮށްފައި ނުވާ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ. އެހެންވެ މައްސަލާގައި ކައިޒީނަށް ހިމާޔަތް ލިބެންޖެހޭ ހައްގެއް އެބައޮތް ކަމަށާއި އަދި އެ މައްސަލަ ނިމުމުގެ ކުރިން ބޯޓުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުވެއްޖެ ނަމަ ކައިޒީނަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

ކައިޒީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން، އެ މައްސަލަ ސިވިލް ކޯޓުން އަލުން ބަލަން ނިންމީ މިއަދު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް