ads
މޫސުމީ ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ އެހީ ބޭނުންވޭ: ތޯރިގު
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގެއްލުން ތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ އެހީތެރިކަން ބޭނުންވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އެވަޔަރަމެންޓް މިނިސްޓްރީ އާއީ އޯޝަން ކަންޓްރީ ޕާޓްނަޝިޕް ޕްރޮގްރާމް (އޯސީޕީޕީ) ގުޅިގެން ކުރިއަށް ގެންދިޔަ، މޯލްޑިވްސް ޕްރޮޓެކްޓެޑް އެންޑް ކޮންޒާވްޑް އޭރިއާސް ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މޫސުމީ މައްސަލަތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ ކަމަށެވެ.

އަދި މި މައްސަލައަކީ ދިވެހިރާއްޖޭގެ ދެމިއޮތުމާ ގުޅިިފައިވާ ކަމެއް ކަމަށް ވާތީ، މޫސުމީ ބަދަލު ތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ހައްލު ކުރުމުގައި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާ އެއްބާރުލުން ދިވެހިރާއްޖެއަށް އިންތިހާއަށް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮޕް-28ގައި ރައީސް ޑރ. މުއިއްޒު ފާހަގަ ކުރައްވާފައިވާ ފަދައިން މޫސުމީ ކާރިސާތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ވުޒާރާތަކުގެ ގާބިލުކަން އިތުރުކުރުމަކީ މި ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށެވެ.

މީގެއިތުރުން ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. 

އަދި މުސްތަގުބަލުގައި ވެސް އެ ފަރާތްތަކުން އެފަދަ ތަންތަން ރައްކާތެރިކުރުމުގައި ދެމިތިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް