ads
މާލެ ބިންވެރިންގެ ސައްލާ މިރޭ، ރައީީސް ވަނީ ހާއްސަ މެސެޖެއް ދެއްވާފައި
މިރޭ ބާއްވާ "މާލެ ބިންވެރިންގެ ސައްލާ" އިންތިޒާމް ކުރާ ޖަމިއްޔާތަކުގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބާއި ރައީީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި މެސެޖެއް ދެއްވައިފި އެވެ.

މާލެ ބިންވެރިންގެ ސައްލާގެ ނަމުގައި ބާއްވާ މި ބައްދަލުވުމަކީ މާލޭ ރައްޔިތުންނަށް ލިބިފައިވާ ގޯތިތައް ވުޖޫދަށް ގެނެސް ހަގީގަތަކަށް ހެދުމަށް ވަކާލާތު ކުރުމުގެ ގޮތުން، ހަތަރު ޖަމިއްޔާއެއް ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުން އިންތިޒާމް ކުރާ ޖަމިއްޔާތަކުގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބު، ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަންގެ ނައިބު ރައީީސް ސުނާދު ލަތީފް ވަނީ ރައީސް ޑރ. މުއިއްޒާއި ބައްދަލުކުރައްވައި، ސައްލާ ބައްދަލުވުމުގެ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.

ސުނާދު "އެކްސް"ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރައީީސް އާއެކު ބޭއްވުނު ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ގޯތި ލިބިފައިވާ ފަރާތްތަކަށް މެސެޖެއް ދެއްވާފައި ކަމަށެވެ. އަދި އެމަނިކުފާނު ދެއްވި މެސެޖް މިރޭ އޮންނަ ސައްލާ ބައްދަލުވުމުގައި ހާމަކުރާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

މި ސައްލާ ބައްދަލުވުމުގައި އިންތިހާބީ މޭޔަރު އާދަމް އާޒިމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި، ބައްދަލުވުމަށް ހައުސިން މިނިސްޓްރީގެ ބޭފުޅަކު ފޮނުވައިދިނުމަށް ވެސް އެދިފައިވާ ކަމަށް ސުނާދު މައުލޫމާތުދެ އެވެ.

މީގެއިތުރުން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ހުރިހާ ފަރާތްތަކުން ވެސް މިރޭގެ ބައްދަލުވުމުގައި ބައިވެރިވުމަށް އޭނާ ވަނީ ދައުވަތުދީފަ އެވެ.

މިރޭ ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމަކީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، މިއީ ހައްގު ކަށަވަރު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ބައްދަލުވުން އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.

މާލެ ރަށްވެހިންގެ ޖަމިއްޔާއާއި ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަންގެ އިތުރުން ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ ގުޅިގެން ބާއްވާ މި ސައްލާ ބައްދަލުވުން އޮންނާނީ މިރޭ 20:00 ގައި ސަލްޓަން ޕާކުގައެވެ.

ބިންވެރިޔާ ސްކީމްއަކީ މިދިޔަ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. އަދި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްލަ 9،003 ގޯތި ދޫކުރަން ނިންމާފައިވާއިރު 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވެއެވެ.

44%
ކަމުގޮސްފި
56%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް