ads
އިޒްރާއީލުން އުޅެނީ ފަލަސްތީނުގެ ނަސްލު ނައްތާލަން: ނައިބު ރައީސް
އިޒްރާއީލުން ގައްޒާއަށް ދެމުން ގެންދާ ހަމަލާތަކަކީ ފަލަސްތީނުގެ ނަސްލު ނައްތާލަން ހިންގާ ޖަރީމާއެއް ކަމަށާއި، އެކަން ކުށްވެރިކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ޔުގާންޑާގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓްގައި ވާހަކަ ދައްވަމުން ނައިބް ރައީީސް ވިދާޅުވީ، ފާލަސްތީނަށް ދެމުންދާ ހަމަލާ ތަކަކީ ބައިނަލްއަގުވާމީ ގަތުލްއާންމު މަނާކުރާ މުއާހަދާއާ ހިލާފު އަމަލުތަކެއް ކަމަށެވެ.

އެހެންކަމުން 1948 އަހަރު އދ. އިން އެކުލަވާލި ޖެނޮސައިޑް ކޮންވެންޝަނާ ހިލާފު އެ އަމަލުތައް، ނައިބް ރައީީސް ވަނީ ކުށްވެރި ކުރައްވާފަ އެވެ.

މީގެއިތުރުން ނައިބް ރައީސް ވަނީ ފަލަސްތީނުގައި ހިންގާ ލޭއޮހޮރުވުމާއި ގުޅިގެން ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އެ މައްސަލަ ހުށަހެޅާފައިވާތީ އެކަމަށް ތައުރީފު ކުރައްވާފަ އެވެ. އަދި އިޒްރާއީލުން މުއާހަދާއާ ހިލާފުވެ ފަލަސްތީނުގެ ނަސްލު ނައްތާލަން މަސައްކަތް ކުރާ ކަމަށް ކަނޑައަޅައި ދިނުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.

ނައިބު ރައީސް ވަނީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ގޮވާލާ ގޮވާލުން އިތުރުކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސްއިން އިޒްރާއީލަށް ދިން ކުއްލި ހަމަލާތަކަށް ފަހު އިޒްރާއީލުން އަންނަނީ ގައްޒާއަށް އެއްގަމު މަގުންނާއި ވައިގެ މަގުން ވަރުގަދަ ހަމަލާތައް ދެމުންނެވެ.

އިޒްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ އާބާދީގެ ބޮޑުބައެއް ގެދޮރު ދޫކޮށް ދާންޖެހިފައި ވާއިރު، ހަމަލާތަކުގައި މިހާތަނަށް ގައްޒާއިން 24،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް