ads
"އިންތިހާބުކުރަން ވޯޓު ދިން މީހުންނަށް ހަރާންކޯރުވީ ހައްދެއް ނެތި"
އިންތިހާބުކުރަން ވޯޓު ދިން މީހުނަށް ހައްދެއް ނެތް މިންވަރަށް ހަރާންކޯރުވެފައި ވާ ކަމަށް ބުނެ ކުރީގެ ޖަސްޓިސް މިނިސްޓަރު މުއިއްޒު އަދުނާން "ސިޔާސީ މީހުން" ނަށް ފާޑު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ރޭ މީީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އިންތިހާބީން ހަރާންކޯރުވަމުން ދަނީ ވަކި ހައްދެއް ނެތި ކަމަށެވެ.

އަދި ސަރުކާރުގެ ނުވަތަ "ރައީސުލްޖުމްހޫރިއްޔާ" ގެ އަހުލާގީ ފެންވަރު ދަށްކަމަށް ދޭހަވާފަދަ މޭރުމަކުން އޭނާ ވަނީ ބަހުގެ ހަމާލަތަކެއް ސަރުކާރު ހިންގާ ކޯލިޝަނަށް އަމާޒުކުރައްވާފަ އެވެ.

ރައްޔިތުންނަށް ނުވަތަ އިންތިހާބުކުރަން ވޯޓުދިން މީހުނަށް ހަރާންކޯރުވާން ވަކި ހައްދެއް، މިންވަރެއް، ލަދެއް ހަޔާތެއް، އަހްލާގެއް، ސުލޫކެއް ނެތް." މުއިއްޒު އަދުނާން ވިދާޅުވި އެވެ.

މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ޕީީޕީއެމް/ޕީއެންސީގެ ޕްރައިމަރީއަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ސޮއިކުރައްވައި ބައެއް މީހުންނަށް ޕްރައިމަރީން ފުރުސަތު ދެވެން ނެތް ކަމަށް ވިދާޅުވެ ސިޓީ ފޮނުއްވުމާ ގުޅިގެން ހާޖާނުގަނޑެއް ހިނގާފައި ވަނިކޮށެވެ.

އެގޮތަށް އަންގާ ބައެއް މީހުންނަށް ޕީއެންސީން ފޮނުވި ސިޓީގައި ބުނެފައިވަނީ، ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާތީ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ.

ނަމަވެސް މައްސަލަ ހޫނުވެ ޕާޓީ ރޫޅިދާނެ ކަމުގެ ބިރު ހީވާ ހިސާބައް ހާލަތު ދިއުމުން، ކޯލިޝަނުން ވަނީ އެ ނިންމުން ބަދަލުކޮށް ޕްރައިމަރީގައި ވާދަކުރުމަށް އެދުނު އެންމެންނަށް ވެސް ވާދަ ކުރެވޭގޮތަށް ހަމަޖައްސާފަ އެވެ.

ސިޔާސި މީހުންގެ ހަރަކާތްތަކަށައި އެމީހުންގެ ބައެއް ނިންމުން ތަކަށް މުއިއްޒު ފާޑުވިދާޅުވެ ވާހަކަ ދެއްކެވިއިރު، މި މަހުގެ 13 ވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް މެދުހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަހުމަދު ރިޝްވާން ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ)އާ "ކުއްލި" އަކަށް ގުޅިވަޑައިގެންފަ އެވެ. 

ކުރީގެ ޖަސްޓިސް މިނިސްޓަރު މުއިއްޒު އަދުނާން ފާހަގަވެފައިވަނީ ސިޔާސީ އަދި އިޖުތިމާއީ މައްސަލަތަކާމެދު މީސް މީޑިއާގައި ވަރަށް ގިނައިން ހިޔާލު ފާޅުކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

އެގޮތުން ރޭ އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވެސް ފާޑުކިޔުމުގެ ބަސްތައް ރައްދު ކުރައްވާފަ އެވެ.

"ބިނާކުރަމުން މިގެންދަނީ ރަނގަޅު ގައުމިއްޔަތެެއް… މުޖުތަމައެއްް." ޖެއްސުމުގެ މޭރުމަކުން އޭނާ ވިދާޅުވެފައިވެ އެވެ.

ސަރުކާރު "ހަރާންކޯރު" ވާ ކަމަށް ކުރީގެ ޖަސްޓިސް މިނިސްޓަރު މުއިއްޒު ވިދާޅުވިއިރު، މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަނުން ކެމްޕެއިނުގައި ރައީސް ޔާމީންގެ ފޮޓޯއާއި ހުސްގޮނޑި ބޭނުން ކުރެއްވި ނަމަވެސް، އިންތިހާބު ކާމިޔާބު ވުމާއެކު ރައީސް މުއިއްޒާ ރައީީސް ޔާމީންގެ ގުޅުން ވަނީ ކެނޑިފަ އެވެ.

ގިނަ ޕާޓީ އެކުލެވޭ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ސިޔާސީ މީހުންގެ "ސިޔާސަ" ކަން މިހާރު ވަނީ ހަމައިން ނެއްޓިފައި އެވެ. ވަކި ސިޔާސީ ޕާޓީއެއްގެ ފިކުރުގައި އިންތިހާބުތަކަށް ވާދަކޮށް އިންތިހާބުވުމާއިއެކު އެ ޕާޓީގެ ވިސްނުމާ އަދި ވޯޓު ދެއްވި މެންބަރުންގެ ހިޔާލާއި ދުރަށް ޖެހި "ވެރިކަން ކުރާ ޕާޓީ" އަށް ސޮއިކުރުމުގެ އޮއިވަރެއް ގައި ރާއްޖޭގެ ސިޔާސީ މީހުން މިވަނީ ޖެހި ފައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް