ads
ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3": ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ އުޅަނދު ރާއްޖޭގައި އެއްވެސް ސާވޭއެއް ނުކުރާނެ ކަމަށް.
ޗައިނާ އުޅަނދު ރާއްޖޭ ސަރަހައްދުގައި ރިސާޗެއް ނުހަދާނެ
ރާއްޖޭގައި ބަނދަރުކުރުމަށް އަންނަ ޗައިނާގެ ސާވޭ އުޅަނދު ރާއްޖޭ ސަރަހައްދުގައި ރީސާޗެއް ނުހަދާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިންމިނިސްޓްރީ އިން މިފަދައިން ބުނެފައިވަނީ އެ މިނިސްޓްރީ އިން ނެރިފައިވާ ނޫސްބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ވާ ގޮތުގައި ޗައިނާގެ ރީސާޗު އުޅަނދު ޝިއަންގް ޔަންގް ހޮންގް 3 ރާއްޖޭގައި ބަނދަރު ކުރުމުގެ ހުއްދައަށް ޗައިނާ ސަރުކާރުން ވަނީ އެދިފައެވެ. އެއީ އުޅަނދުގެ ސްޓޮކް އާ ކުރުމަށާއި މީހުން ބަދަލުކުރުމަށް ކަމަށެވެ.

އަދި ރާއްޖެއަކީ ސުލްހަވެރިކޮށް އަންނަ އަސްކަރީ އުޅަނދުތަކާއި އާންމުން ދަތުރުކުރާ އުޅަނދުތަކަށް ވެސް ބަނދަރު ކުރުމަށާއި އަދި އެކުވެރި ގައުމުތަކުގެ އުޅަނދުތަކަށް މަރުހަބާ ކިޔާ ގައުމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީގެ އެ ބަޔާނުގައި ބުނެފައިވަނީ މިފަދަ ހާލަތްތަކުގައި ރާއްޖެއިން އަމަލު ކުރަމުން އަންނަނީ ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑުތަކަށާއި، ކަމާ ގުޅުންހުރި ބައިނަލްއަގުވާމީ މެރިޓައިމް ގާނޫނުތަކަށް ކަމަށެވެ.

"ރާއްޖެ ކުރިއަށް ދާނީ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތައް އަދި މިފަދަ ހުރިހާ މައްސަލަތަކެއްގައި ކަމާ ބެހޭ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކުގެ ހަމަތައް ހިފަހައްޓައިގެން،" އެ ބަޔާނުގައިވެ އެވެ.

އިންޑިޔާ ކަނޑަށް މި ރީސާޗު އުޅަނދު ވަނުމާ އެންމެ ދެކޮޅު ގައުމަކީ އިންޑިޔާ ކަމުގައި ވާއިރު އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވަނީ މި އުޅަނދު ރާއްޖެ އަންނާނީ މި ފެށޭ މަހުގެ ކުރީ ކޮޅުގައި ކަމަށެވެ. 

ޗައިނާގެ ޝަންގް ޔަންގް ހޮންގަކީ ސީދާ އަސްކަރީ އުޅަނދަކަށް ނުވި ނަމަވެސް، ރޮއިޓާސްއިން ބުނާ ގޮތުގައި އެ އުޅަނދުގެ ދިރާސާތައް އަސްކަރީ ކަންކަމުގައި ބޭނުންކުރެ އެވެ. އިންޑިއާއިން މި އުޅަނދާ މެދު ކަންބޮޑުވާ މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ.

ޗައިނާގެ މި އުޅަނދު ދަތުރުކުރާ މިސްރާބު ބަރާބަރަށް ބަލަމުން އަންނަ ކަމަށް، އިންޑިއާގެ އަސްކަރީ އޮފިޝަލު ވަނީ ރޮއިޓާސްއަށް ކަށަވަރުކޮށްދީފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން އަންގާ މާޗް 15 ގެ ކުރީން އެކަން ތަންފީޒު ކުރަން ދިވެހި ސަރުކާރުން އެދުމުން ރާއްޖެ-އިންޑިއާ ގުޅުން އޮތީ ދުވަހަކު ހީނަރުނުވާ މިންވަރަށް ހީނަރުވެފައެވެ. އެ ގުޅުމަށް މާބޮޑު ސަމާލު ކަމެއް ނުދެއްވާ ރައީސް މުއިއްޒު ދައްކަވާ ވާހަކަފުޅުތަކުން އިތުރު ހީނަރު ކަމެއް ވަނީ އައިސްފައެވެ.

ނިމިދިޔަ ރައީސް ސޯލިހްގެ ސަރުކާރުގައި ރާއްޖެ-އިންޑިއާ އޮތީ އާދަޔާ ހިލާފު ބަދަހި ގުޅުމެކެވެ. އެ ގުޅުމާ މެދު ސުވާލު އުފައްދާ އެ ގުޅުން އޮތީ ނުރައްކާތެރި ފައްތަރެއް ގައި ކަމަށް ދިވެހީންގެ ގިނަ ބަޔަކު އޭރު ދެކުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް