ads
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް
އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއަށް ގާސިމް ފާޑު ވިދާޅުވެއްޖެ
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސްއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައި ގައި ވާހަކަދައްކަވަމުން ގާސިމް ވަނީ އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ގާސިމް ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ގެއްލުނީ ރައްޔިތުންގެ އިތުބާރު ގެއްލުމުން ކަމަށެވެ. އެހެންކަމުން ވަޒީރުންނަށް ރުހުން ދޭން ނުޖެހޭ ސަބަބެއް ފެންނަން ނެތް ކަމަށެވެ.

"ދިވެހި ގައުމުގެ ރައްޔިތުންނަށް ވަފާތެރިވުމަކީ މިއަދު ރުހުން ވަޒީރުންނަށް ދީފައި، އެ ބޭފުޅުން ގޯހެއް ހަދައިފިއްޔާ ދެން އެ ބޭފުޅުން ގެނެސް ސުވާލުކޮށްގެން އެކަން ކުރުން. އެއީ މީގެ ކުރީގައި ވެސް އެކަން ކޮށްފައި އޮތް ގޮތަކީ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވަނީ ސަރުކާރުގެ 22 ވަޒީރުންނަށް ވެސް ރުހުންދޭން އެދިވަޑައިގެންފަ އެވެ. އެކަމަކު، އޭނާ ވާހަކަދައްކަވަމުން ދިޔަ ވަގުތު ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވާހަކަދައްކަވަން ފެއްޓެވުމުން ގާސިމް ވަނީ ކޯފާ އިސްކުރައްވައިފަ އެވެ.

"މިއީ ބޮޑު އުނދަގުލަކަށް ވެފައި ހުރީ މި މަޖިލީހަށް އިނގޭތޯ. މީނަ ވަރުގެ މީހަކު ނެތިގެން، ކީއްވެގެންތަ ތި ތެޅި ބާލަނީ،" ގާސިމް، ކޯފާ އިސްކުރައްވައި ވިދާޅުވި އެވެ.

ގާސިމް އެހެން ވިދާޅުވީ، ބައެއް ވަޒީރުންނަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސްގެ ފަރާތުން މިއަދު ތްރީ ލައިން ވިޕެއް ނެރެފައި ވާތީ އެވެ. ގާސިމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދީފިނަމަ ފުރަގަސް އެ ދެވުނީ ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ކަމަށެވެ. އެއަށް ފަހު އަނެއް ދައުރަށް މަޖިލީހަށް ކުރިމަތި ލައިގެން ރައްޔިތުންގެ ކުރިމައްޗަށް ވޯޓް ހޯދަން ނުދާން ވެސް ގޮވައިލެއްވި އެވެ.

"...ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެތެރޭގައި ހިމެނޭކަންކަމެއް. އަދި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގަ. އެގޮތުން ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ އެގޮތުގެމަތީން،" ދަ ޑިމޮކްރެޓްސްގެ ބަޔާނުގައި ބުންޏެވެ.

ހިޔާލު ތަފާތުވުންތަކެއް އުފެދި އެކުގައި މަސައްކަތް ނުކުރެވޭ ހިސާބަށް ދިޔުމާ އެކު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވި މެމްބަރުން އުފެއްދި ޑިމޮކްރެޓްސް އިން ބުނީ އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން މަޖިލީހުގައި އެ ޕާޓީން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައި ކަމަށެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ޑިމޮކްރެޓުން ނިންމި ނަމަވެސް އެއީ ކޮން ވަޒީރުންނެއް ކަމެއް އެ ޕާޓީން ހާމައެއް ނުކުރެ އެވެ. ޑިމޮކްރެޓްސްްއާ އެކު އިދިކޮޅު ޕާޓީއެއްގެ މަސައްކަތް ކުރަމުން އަންނަ އެމްޑީޕީން މިހާތަނަށް އަދި ގޮތެއް ނިންމައިފައެއް ނުވެ އެވެ. އެ ޕާޓީން ގޮތް ނިންމުމަށް މިހާރު ބައްދަލުވުމެއް ކުރިއަށް ދެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއަށް ވަނީ މި ސަރުކާރުގެ 22 ވަޒީރުންނަށް ރުހުންދޭން އެޖެންޑާކޮށްފަ އެވެ. ވަޒީރުންނަށް ރުހުން ދިނުން އޮންނާނީ 1:00 ގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް