ads
"ގާސިމް އެދެނީ ރައީސް މުއިއްޒު އިންޑިއާ ކިބައިން މައާފަށް އެދެން"
އިންޑިއާ އަށް ނިސްބަތްވާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އެގައުމުގެ ކިބައިން މައާފަށް އެދިވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.

ގާސިމް އިޝާރާތް ކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މުއިއްޒު ދެއްކެވި ވާހަކަފުޅަށެވެ.

ޤާސިމް އިބްރާހީމް މިފަދައިން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ 163 ވަނަ ކައުންސިލް ބައްދަލުވުމަށްފަހު މީޑިއާތަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ގާސިމް ވިދާޅުވީ، ރައީސް ޗައިނާއަށް ވަޑައިގަތުމަށް ފަހު ދެއްކެވި ބައެއް ވާހަކަފުޅުތަކަށް މަރުހަބާ ދެންނެވެން ނެތް ކަމަށެވެ. އޭގެ ތެރެއިން އެއް ވާހަކަފުޅުގެ ގޮތުގައި ގާސިމް ފާހަގަކުރެއްވީ، އާސަންދައިގެ ދަށުން ދިވެހީން ބޭސްފަރުވާއަށް ދިއުމަށް ތައިލޭންޑާއި ޔޫއޭއީ ހަމަޖެއްސުމާ ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅެވެ.

"އަޅުގަނޑުމެންނަކީ ބެކްޔާޑުގައި އޮތް ތަނެއް ނޫނޭ ބަޔެއްގެ އެހެން ވެސް ވިދާޅުވީމަ ވަކި ބަޔަކަށް އެބަ ނިސްބަތްވޭ އަނެއްކާ ބުލީ ކުރެވޭނެ ބަޔެއްވެސް ނޫން ކަމަށް އެވެސް ރަނގަޅު ވާހަކަފުޅެއް ނޫން އިނގޭތޯ،" ގާސިމް ވިދާޅުވި އެވެ.

ރައީސް މައާފަށް އެދިވަޑައިގަތް ނަމަވެސް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށާއި ކަމަށާއި އެކަން ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ މީގެކުރިން ވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި އިންޑިއާ އާއި ދެކޮޅަށް މާލެއާއި އަތޮޅު ތެރޭގެ އެތަށް ރަށެއްގައި ބޮޑެތި އެއްވުންތައް ބާއްވާފަ އެވެ. ނަމަވެސް ވެރިކަން ލިބި ދިވެހި ސަރުކާރު ހިންގުމާއި ހަވާލުވުމަށްފަހު، އެ އެއްވުންތައް މިހާރު ކުރިއަށް ނުގެންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.  

"ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު، އެމަނިކުފާނު ރާއްޖެ ވަޑައިގެން ދެއްވި އިންޓަވިއުގައި ވިދާޅުވި ބައެއް ބަސްފުޅުތައް، އަޅުގަނޑު ދަންނަވާނީ އޭގެތެރެއިން ބައެއް ބަސްފުޅުތައް އެބަހުއްޓޭ އަޅުގަނޑު މަރުހަބާ ނުކިޔާނެ. އެއީދެން އަވަށްޓެރި ގައުމަކާއި އަޅުގަނޑުމެންނާ ދެމެދު އޮތް ގުޅުމަށް ނިސްބަތްވާގޮތަށް، ނަން މެންޝަން ނުކުރެއްވި ނަމަވެސް، (އާސަންދައިން ފަރުވާ ހޯދަން) ބޭހަށް މީހުން ފޮނުވުމުގައި ދުބާއީއާއި ބެންކޮކަކީ މާ ރަނގަޅު ތަނެއްކަމަށް ދޭހަވާގޮތަކަށް މިހާރު ދާ ގައުމުތަކަށްވުރެ. އަޅުގަނޑު ދަންނަވާނީ އެއީ ގޯހެކޭ. އިންޑިއާ އެ ފީލްޑުގައި މާ ކުރީގައި އޮތީ. އިންޑިއާގައި ތިބި ޑޮކްޓަރުންނާއި ފެސިލިޓީތައް ފަހަތަށް ޖައްސާލެވޭ ވަރަށް އެ ތަންތަން އަދި ކުރިއަރައިގެން ނުދޭ"
ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރައީސް އެ ވާހަކަފުޅުތައް ދެއްކެވީ ޖަޒުބާތުގައި ހުންނަވައިގެން ކަމަށާއި އެކަން އެގޮތަށް ދިމާވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ފެށި "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ކަމަށެވެ. އޭރު އެކަން ހައްދެއް ނެތި ކުރަން ދޫކޮށްލައިގެން ހުންނެވީ ކުރީގެ ރައީސް ސޯލިހު ކަމަށާއި އިންޑިއާ އައުޓްގެ ހަރަކާތް ހުއްޓުވަން ނެރުނު ގަރާރު މި ސަރުކާރުން ވެސް ބާތިލުނުކުރަން ގާސިމް ވަނީ ގޮވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް