ads
ޑިސެމްބަރަށް 6 އަހަރު ފުރުނު ކުދިން ގްރޭޑް 1 އަށް ވައްދަނީ
މިދިޔަ ޑިސެމްބަރު މަހަށް ހަ އަހަރު ފުރުނު ކުދިން ގްރޭޑް އެކަކަށް ވެއްދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މީގެކުރިން ގްރޭޑް އެކަކަށް ވައްދަމުން އައީ އެ އަހަރެއްގެ ޖެނުއަރީ މަހު ހަ އަހަރު ފުރި، ހަތް އަހަރު ނުފުރޭ ކުދިންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ 2024ގެ ދިރާސީ އާ އަހަރު ސްކޫލްތަކަށް ކުދިން ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލު ކުރުމުގައި އަހަރު އަމަލު ކުރާނެ ގޮތް ބަޔާންކޮށް ސްކޫލްތަކަށް ސާކިއުލާއެއް ފޮނުވާފަ އެވެ.

ދިރާސީ އާ އަހަރު ބޭބީ ނާސަރީއިން ފެށިގެން ގްރޭޑް އެކަކަށް ކުދިން ވައްދާނެ އުމުރުފުރާތައް:

  • ބޭބީ ނާސަރީ: ޑިސެމްބަރު 2023ގެ ނިޔަލަށް ދެ އަހަރު ފުރި، ތިން އަހަރު ފުރިފައި ނުވާ ކުދިން
  • ނާސަރީ: ޑިސެމްބަރު 2023ގެ ނިޔަލަށް ތިން އަހަރު ފުރި، ހަތަރު އަހަރު ފުރިފައި ނުވާ ކުދިން
  • އެލްކޭޖީ: ޑިސެމްބަރު 2023ގެ ނިޔަލަށް ހަތަރު އަހަރު ފުރި، ފަސް އަހަރު ފުރިފައި ނުވާ ކުދިން
  • ޔޫކޭޖީ: ޑިސެމްބަރު 2023ގެ ނިޔަލަށް ފަސް އަހަރު ފުރި، ހަ އަހަރު ފުރިފައި ނުވާ ކުދިން
  • ގްރެޑް 1: ޑިސެމްބަރު 2023ގެ ނިޔަލަށް ހަ އަހަރު ފުރި، ހަތް އަހަރު ނުފުރޭ ކުދިން

މިނިސްޓްރީގެ ސާކިއުލަގައި ބުނެފައިވަނީ 31 މާޗު 2024ގެ ނިޔަލަށް ހަތަރު އަހަރު ފުރޭ ކުދިންނަށް ވެސް ބެލެނިވެރިޔާ އެދިއްޖެ ނަމަ އެލްކޭޖީއަށް ވަނުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އަދި ދިރާސީ އަހަރު ފެށޭ ފަހުން ހަތަރު އަހަރު ފުރޭ ކުދިން އެލްކޭޖީއަށް ނުވައްދާނެ ކަމަށް ވެސް އޭގައި ބުނެފައިވެ އެވެ.

މީގެއިތުރުން 2023-2024ގެ ދިރާސީ އަހަރު އެލްކޭޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 26 މެއިގައި ފަށާ މި އަހަރުގެ ދިރާސީ އަހަރުގައި ޔޫކޭޖީއަށް ބަދަލުކުރާނެ ކަމަށާއި، މިދިޔަ އަހަރު ޔޫކޭޖީ ފުރިހަމަކުރި ހުރިހާ ދަރިވަރުން މި އަހަރުގެ ދިރާސީ އަހަރުގައި ގްރޭޑް އެކަކަށް ބަދަލުކުރާނެ ކަމަށް އެ ސާކިއުލާގައި ބަޔާންކޮށްފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިހާރު ހިނގަމުންދާ ސެމެސްޓާގެ ކިޔެވުން 30 އޭޕްރީލްގައި ނިމޭނެ ކަމަށާއި، އެއަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ 26 މޭގައި ކަމަށް ނިންމާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް