ads
އިންޑިއާގެ ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 72 މިލިއަން ޑޮލަރުގެ އެހީ
އިންޑިއާއިން މި އަހަރަށް ކަނޑައެޅި ބަޖެޓުގައި ރާއްޖެ އަށް 72 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) ދޭން ކަނޑައަޅައިފި އެވެ.

މި އަހަރުގެ އޭޕްރީލް އިން އަންނަ މާޗުގެ ނިޔަލަށް ކުރިއަށްދާ މާލީ އަހަރަށް ލަފާކޮށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި ރާއްޖެ ހިމެނޭ ގޮތަށް ސަރަހައްދުގެ ގިނަ ގައުމުތަކަށް ހިލޭ އެހީ ފޯރުކޮށްދޭން ހިމަނާފައިވެ އެވެ.

ބަޖެޓުގައިވާ ގޮތުން ރާއްޖެ ވާނީ އިންޑިއާއިން ދެވަނައަށް އެންމެ ގިނަ ހިލޭ އެހީ ދޭނެ ގައުމަށެވެ. އިންޑިއާއިން އެންމެ ފުރަތަމަ ލަފާކުރި ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން އޮތީ 48.1 މިލިއަން ޑޮލަރެވެ. ނަމަވެސް އިސްލާހުތަކާއެކު މިއަދު ހުށަހެޅި ބަޖެޓުގައި އެ އަދަދު ވަނީ 72 މިލިއަން ޑޮލަރަށް އިތުރުކޮށްފަ އެވެ.

މި ދެ އަދަދަކީވެސް ނިމިދިޔަ ސަރުކާރުގެ ފަހު އަހަރުން އިންޑިއާއިން ދިން ހިލޭ އެހީގެ އަދަދުތަކާ ބަލާއިރު އެތައް ގުނައެއް އިތުރު އަދަދުތަކެކެވެ. އެގޮތުން ނިމިގެން މިދާ އިންޑިއާގެ މާލީ އަހަރުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދީފައިވަނީ 22 މިލިއަން ޑޮލަރެވެ.

އިންޑިއާގެ ބަޖެޓުގައި ރާއްޖެ އަށް ބޮޑު އަދަދެއް ހިލޭ އެހީގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ އިރު، ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން 15 މާޗުގެ ކުރިން ރާއްޖެ އިން ފޭބުމަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސަރުކާރަށް އަންގައިފަ އެވެ. 

ކުރިން ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރުން އިންޑިއާއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވާ، ހާރިޖީ ސިޔާސަތުގެ ގޮތުގައި އިންޑިއާ ފަސްޓް ޕޮލިސީ ގެންގުޅުނު ނަމަވެސް ޕީއެންސީގެ އާ ސަރުކާރުން ދަނީ އިންޑިއާއާ ފެޔަށް ޖެހުމަށް މަސައްކަތް ކުރަމުންނެވެ.

މިއަހަރުގެ ރާއްޖޭގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ބޭރު ގައުމުތަކުން 1.4 ބިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ. އެ ފައިސާއިން އަދި މިހާތަނަށް އެއްވެސް އަދަދެއް ހިލޭ އެހީގެ ގޮތުގައެއް ލިބިފައެއް ނުވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް