ads
ހީނާ ކެންސަރަށް ފަރުވާ ހޯދަނިކޮށް ނަގާފައިވާ ބައެއް ފޮޓޯތައް.
ކެންސަރު ބަލީގެ ދުވަހާއިއެކު ހީނާގެ އަސަރުގަދަ މެސެޖެއް
އިއްޔެ ފާހަގަ ކުރި ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާއިއެކު ނޭޝަނަލް ސޯޝިއަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯ އަސަރުގަދަ މެސެޖެއް ދީފި އެވެ.

މި މެސެޖުގައި ހީނާ ވަނީ އޭނާގެ ކެންސަރު ބަލީގެ އަމިއްލަ ތަޖުރިބާ ހިއްސާކޮށްފަ އެވެ. 

ހީނާ އަށް ކެންސަރު ބަލި ޖެހިފައިވާ ކަން އެނގުނީ މީގެ ދިހަ މަސް ކުރިންނެވެ. އެއާއިއެކު ހަދާނެގޮތް ހުސްވެ، ކަންބޮޑުވެ، ދެރަވެ މާޔޫސްވި ކަމަށާއި ނަމަވެސް ހެއްދެވި ފަރާތަށް ހުރިހާކަމެއް ވަކީލުކޮށް ފަރުވާއަށް އަވަސްވެގަތް ކަމަށާއި އެކަމަކު އޭރު މިއީ ކިހާވަރެއްގެ ވޭންހުރި ކަމެއްކަން ކުޑަކޮށްވެސް ނޭނގޭ ކަމަށް ހީނާ ބުނެފައިވެ އެވެ.

ކީމޯ އައިވީގެ ކޮންމެ ޑްރޮޕެއް ދިޔައީ ހަށިގަނޑުގެ ދިފާއީ ނިޒާމާއި ހެދިބޮޑުވަމުންދިޔަ ކޮންމެ ސެލްއެއް ނެތިކޮށްލަމުން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ބޮޑެތި ބަދަލުތައް އައިކަމަށެވެ. އެގޮތުން މުޅި ހަށިގަނޑު އެއްކޮށް ދުޅަވެ ކާއެއްޗެހީގެ ރަހަ ބަދަލުވެ, ނުކެވި، ބޮލުގެ އިސްތަށިތައް ފޭބުމުގެ އިތުރުން ހަށިގަނޑުގެ މަސްތަކާއި ހަށިގަނޑުގެ އެންމެ ކުދި ކަށިތަކުގައި ގަދަޔަށް ރިއްސުން ހިމެނެއެވެ.

މިކަމުގެ ސަބަބުން އަމިއްލަ ނަފްސާމެދު ދެކުނުގޮތް ބަދަލުވެ ސެލްފްކޮންފިޑެންސް މަޑުމަޑުން ދާންފެށި ކަމަށާއި ތިއޭޓަރަށް ވަންނަ ކޮންމެ ފަހަރަކު ވަންނަނީ ވަރަށް ހިތް ނުތަނަވަސްކަންމަތީ ކިޔުނުހާ ހެޔޮ އެއްޗެއް ކިޔައިގެން މައިންބަފައިންނާއި ދަރިންނާއި ލޯބިވާ މީހުން އަދި ފެންނާނެ ކަމުގެ އުއްމީދުގައި ކަމަށް ބުންޏެވެ. 

ކީމޯއަށްފަހު ރޭޑިއޭޝަންގައި އެއްމަސްދުވަސް ހޭދަކުރިކަމަށާއި ކޮންމެ ދުވަހަކު ބާރުގަދަ ރޭޑިއޭޝަންއަށް މީހާގެ ހަށިގަނޑު އެކްސްޕޯޒް ކުރަން ފަސޭހަ ނޫން ކަމަށް ހީނާ ބުންޏެވެ.

your imageއެންސްޕާގެ ސީއީއޯގެ މަގާމުގައި މިހާރު ހުންނެވި ކުރީގެ ޓީވީ ޕްރެޒެންޓަރު ހީނާ 

ނަމަވެސް އަޒުމަކަށްވީ ވެއްޓޭ ކޮންމެ ފަހަރަކު ކޮޅަށް ތެދުވުން ކަމަށާއި އެގޮތުން ބައެއް ދުވަސްދުވަހު ތެދުވާހާ ހިތްވަރު ނެތަސް އަނެއްދުވަހު މަސައްކަތަށް ނުކުންނަނީ ކަމަށެވެ. ބަލިވިޔަސް ގައިގަ ވަރުނެތަސް ހަރަކާތްތެރިވުން އިތުރު ކުރިކަމަށާއި ބައްޔާމެދު ޕޮޒިޓިވްކޮށް ވިސްނަންފަށައި ނަފްސާނީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި އެކިކަހަލަ ނެގެޓިވް ހިޔާލުތަކާއި ފިކުރުތަކުން ދުރަށްދިއުމަށް ހިތާ ސިކުނޑިއާ ދެކޮޅަށް މަސައްކަތްކުރި ކަމަށް ވެސް އޭނާ ގެ މެސެޖުގައި ވެއެވެ. ތަހައްމަލް ކުރަމުންދިޔަ އުނދަގޫ ދުވަސްތަކާއި ވަގުތުތައް އަމިއްލައަށް ވަރަށް ބޮޑަށް މެނޭޖްކޮށް ބައްޔާއެކީ އާދައިގެ ދިރިއުޅުމެއް އުޅެވޭތޯ މަސައްކަތް ފެށިކަމަށް ވެސް ވެއެވެ. 

"މާތް ﷲގެ ހެޔޮ ރަޙްމަތުން މިއަދު މިބަލިން ރަނގަޅުވުމަށް ކުރެވޭ ފަރުވާއާއެކު އަޅުގަނޑުގެ މެސެޖަކީ މިއީއެވެ. ކެންސަރަކީ ނުރައްކާތެރި ބައްޔެކެވެ. ވޭންދެނިވި ކަމެކެވެ. ބިރުވެރި ކަމެކެވެ. މާދަމާވެސް ވާނެގޮތެއް ނޭނގޭ ކަމެކެވެ. އެހެނަސް އުއްމީދު ކަނޑާނުލާށެވެ. ކެތްތެރިވާށެއެވެ. އެންމެ ފަހުވަގުތާ ހަމައަށްވެސް މަސައްކަތް ކުރާށެވެ. ބަލިން ރަނގަޅުވާނެ ކަމަށް ވިސްނުން ބައްޓަން ކުރާށެވެ. ތިމާ ނޫން އެހެން އެއްވެސް ފަރާތަކަށް މިއިހްސާސްތައް ދެނެގަންނަން އުނދަގޫވާނެކަން ވިސްނާށެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހެއްދެވި ފަރާތަށް ގިނަގިނައިން ދުޢާކުރާށެވެ. ބަލިތަކަށް ޝިފާ ދެއްވަނީ ﷲއެވެ. ކެންސަރު ބަލީގެ ފަރުވާ ހޯދަމުންދާ އެންމެހާ ފަރާތްތަކަށް ހެޔޮ ރަޙްމަތްލައްވާ އަވަސް ޝިފާއެއް މިންވަރު ކުރައްވާށި އެވެ. އެފްބީ އަށް ދޫކޮށްލި މެސެޖުގައި ހީނާ ބުނެފައިވެ އެވެ.

ހީނާ އޭނާގެ ތަޖުރިބާ ހިއްސާކުރުމުގެ ބޭނުމަކީ މިބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން އެންމެ މީހަކަށް ނަމަވެސް އޭނާގެ ތަޖްރިބާއިން ހިތްވަރު ދިނުމެވެ.  

ކެންސަރަކީ ރާއްޖޭގެ ގިނަ ބަޔަކު ތަހަންމަލު ކުރަމުން އަންނަ ނުރައްކާތެރި ބައްޔެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް