ads
އައްޑޫގެ ނޭޗަރ ޕާކު- ފޮޓޯ: ވިޒިޓް މޯލްޑިވްސް
އައްޑޫ ބްރިޖުން ނޭޗާ ޕާކަށް ގެއްލުން ވާނެތީ އިކޯކެއާއިން ކަންބޮޑުވެއްޖެ
އައްޑޫގެ ހިތަދޫ-ހުޅުމީދޫ ގުޅުވާލުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ބްރިޖްގެ ސަބަބުން އައްޑޫގެ ނޭޗާ ޕާކަށް ގެއްލުން ލިބިދާނެތީ އިކޯކެއާ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިކޯކެއާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިމާޔަތް ކޮށްފައިވަ އައްޑޫ ނޭޗާ ޕާކް ސަރަހައްދުގެ ނާޒުކުކަމަށް އެ ޖަމިއްޔާއިން ސަމާލުކަން ދޭ ކަމަށާއި، އައްޑޫ ބްރިޖުން އެ ސަރަހައްދަށް ލިބިދާނެ ގެއްލުމަކާމެދު އިންތިހާއަސް ކަންބޮޑުވާ ކަމަށެވެ.

އެ ޖަމިއްޔާގެ ބަޔާނުގައި ވަނީ ހިތަދޫއާ ހުޅުމީދޫ ގުޅާލަން ބްރިޖެއް އެޅުމުގެ ބަދަލުގައި ފެންވަރު ރަނގަޅު ފެރީ ނިޒާމެއް ތައާރަފްކުރަން އެދިފަ އެވެ. އަދި އެފަދަ ފެރީ ނިޒާމެއްގެ ސަބަބުން ދަތުރުފަތުރުގެ ހިދުމަތް ފަސޭހަވުމުގެ އިތުރަށް ތިމާވެއްޓަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވާނެކަމަށް އިކޯކެއާއިން ބުނެފައިވެ އެވެ.

މީގެއިތުރުން އެ ދެ ރަށް ދޭތެރޭގައި ކޮންމެހެން ބްރިޖެއް އޮންނަން ޖެހޭ ނަމަ ގަމާއި ހުޅުމީދޫއާ ގުޅާލުމަށް އެދޭކަމަށް އިކޯކެއާއިން ބުނެފައިވެ އެވެ. އޭގެ ސަބަބުން ހިތަދޫގެ ނޭޗާ ޕާކަށް ލިބިދަނެ ގެއްލުންތައް ކުޑަކުރެވޭނެ ކަމަށް ވެސް އެ ޖަމިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އިކޯކެއާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ތިމާވެއްޓަށް އަސަރު ކޮށްފާނެފަދަ މަޝްރޫއުތަކާމެދު ގޮތް ނިންމުމުގެ ކުރިން ތިމާވެށީގެ ތަޖުރިބާކާރުންނާއި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރުން މުހިއްމު ކަމަށެވެ.

"ކަނެކްޓިވިޓީގެ ބޭނުންތެރިކަން ދެނެގަނެ ބްރިޖެއް ކޮންމެހެން ބޭނުންވާކަމަށް ދެކޭ ނަމަ ގަމު މަގުން ހުޅުމީދޫއާ ގުޅާލުމަށް އަޅުގަނޑުމެން ހުށަހަޅަން. ހިތަދޫ ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނީ، ތިމާވެށި ހިމާޔަތްކުރުމުގެ ހަރުދަނާ ފިޔަވަޅުތަކާއި ތިމާވެށީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން." ބަޔާނުގައި ބުންޏެވެ.

އައްޑޫ ބްރިޖުގެ ސަބަބުން ހިމާޔަތްކޮށްފައިވާ ނޭޗާ ޕާކަށް ލިބިދާނެ ގެއްލުންތަކާމެދު ކަންބޮޑުވުން ފާޅުކޮށް، އެ ސަރަހައްދަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވޭނެ ފިޔަވަޅުތައް އެޅުމަށް އިކޯކެއާ އިން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.

ހިތަދޫ އާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތިޔާސީ ވައުދުފުޅެކެވެ. 

ރައީސް އޮފީހުން ބުނެފައިވަ ގޮތުގައި އެ މަސައްކަތް ކޮށްދިނުމަށް މިސްރުގެ "ދަ އަރަބް ކޮންޓްރެކްޓާސް" ކުންފުނިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް