ads
ގޮތް ނިންމުމުގެ ބާރެއް ނެތް، މި ޖެހެނީ ނިންމުން ބަދަލުކުރަން: ފުއާދު
އިންތިހާބާ ބެހޭ ކަންކަމުގައި އިލްކްޝަންސް ކޮމިޝަނަށް ގޮތް ނިންމުމުގެ ބާރެއް ނުލިބޭ ކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ރޯދަ މަހު އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް މަޖިލިހަށް ހުށަހެޅި އިސްލާހުގެ ބިލު އަވަސް ކުރުމުގެ ގޮތުން ވަގުތީ ކޮމިޓީއަކަށް ފޮނުވާފައިވާތީ، އެ ކޮމިޓީން ބޭއްވި ދެ ވަނަ ބައްދަލުވުމަށް އީސީގެ އިސް ބޭފުޅުން މިއަދު ވަނީ ހާޒިރު ކޮށްފަ އެވެ.

އެ ކޮމިޓީގައި ފުއާދު ވިދާޅުވީ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގެ އީސީއަށް އިންތިހާބުތަކާ ބެހޭ ކަންކަމުގައި ގޮތް ނިންމުމުގެ ފުރިހަމަ ބާރު ނުލިބޭ ކަމަށެވެ.

"މިސާލަކަށް ސްރީލަންކާ ނުވަތަ އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމީމަ، އެއީ ފައިނަލް ގޮތް، ޕޮލިހުން ވެސް އެކަން ނިންމައިދޭނެ އެގޮތަށް، ހުރިހާ މުއައްސަސާތަކުން ވެސް، އެކަހަލަ ބާރެއް ނޯވޭ [ރާއްޖޭގެ] އިލެކްޝަންސް ކޮމިޝަންގެ،" ފުއާދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ފުއާދު ވިދާޅުވީ އެހެން ގައުމުތަކުގެ އީސީން އިންތިހާބު ބައްވާނެ ތާރީހެއް ކަނޑައެޅުމުން އެ ނިންމުމަށް އެހެން މުއައްސަސާތަކުން އިޖާބަދީ، އެއްބާރުލުން ދޭ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އެކަން ކުރެވެނީ އެހެން އިދާރާތަކަށް ފަސޭހަ ވާނެތޯ ބެލުމށްފަހުގައި ކަމަށް ފުއާދު ވިދާޅުވި އެވެ.

"ބޭރުގެ ތަނެއްގައި ވެއްޖިއްޔާ، އަޅުގަނޑުމެންނަށް އެންގިދާނެ ސްކޫލްތަކުގެ އިމްތިހާނުތައް ބާއްވަން ވާނީ އިންތިހާބުތަކުގެ ދުވަސްވަރުން ބޭރުގައޭ، އެހެންވީމަ އެބޭފުޅުންނޭ ފަހަތައް ޖެހެން ޖެހެނީ.، އެކަމަކު އަޅުގަނޑުމެން މި ޖެހެނީ އިމްތިހާނު ނޯންނަ ދުވަސްވަރާ ދިމާކުރަން ނުވަތަ ސްކޫލް ހުސްކުރެވޭނެ ދުވަހަކަށް ދިމާކުރަން." ފުއާދު ވިދާޅުވި އެވެ.

އެ ކޯމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ގާނޫނަށް ގެނެވޭ އިސްލާހުގެ ތެރެއިން ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށްޓަކައި ދައުލަތުން އީސީއަށް ފޯރުކޮށްދޭން ޖެހޭ ހުރިހާ ވަސީލަތްތަކެއް، ކަމާ ގުޅުން ހުރި މުއައްސަސާތަކުން ފޯރުކޮށްދެން ޖެހޭ ގޮތަށް މާއްދާއެއް ހިމެނުން މުހިއްމު ކަމަށެވެ.

"މިސާލަކަށް ސްކޫލްތައް ވެސް ލިބެން ޖެހޭނެ. ސްކޫލްތައް ނުލިބޭނަމަ، ގާނޫނުއަސާސީގައި ބުނާ މުއްދަތަށް ނުބޭއްވޭނެކަން ހަމަ ކަނޑައެޅިގެން އަޅުގަނޑު ދަންނަވަން ރިކޯޑަށްޓަކައި." ހަބީބު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން މިހާރު ނިންމާފައި ވަނީ މާޗް 17، ގަ އެވެ. އެއީ ރޯދަ މަހުގެ ހަތް ވަނަ ދުވަހެވެ. އިންތިހާބު ރޯދަ މަސް ތެރޭގައި ބެއްވުމުން, ވޯޓުލާން ނިކުންނަ މީހުންގެ އަދަދު ދަށްވާނެތީ, ޕާޓިތަކުން ދަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ރޯދަ މަހުގެ ފަހުން މަޖިލިސް އިންތިހާބު ބޭއްވުމަށް ގާނޫނަށް އިސްލާހު ގެނެސްފިނަމަ އެކަން ކުރުމަށް ތައްޔާރަށް ތިބިކަމަށް މީގެކުރިން އީސީން ވަނީ ބުނެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް