ads
ހަ މަސްތެރޭ ޑްރޯން މެދުވެރިކޮށް ބޭސް އުފުލަން ފަށަނީ
ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް އުފުލުގެ ހިދުމަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާ އެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވާފައިވާ ކަމުގަ އެވެ.

މިނިސްޓރީން މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ވަނީ އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން އެމްއޭސީއެލްއާ އެކުގަ އެވެ.

"މިނިސްޓްރީގެ އަމާޒަކީ މިއަހަރުގެ ފުރަތަމަ ހަ މަސްތެރޭގައި މި ހިދުމަތް ފެށުން" ހެލްތް މިނިސްޓްރީން ބުނެފައިވެ އެވެ.

ޑްރޯން ބޭނުންކޮށްގެން އެއް ލެބޯޓްރީން އަނެއް ލެބޯޓްރީ އަށް ސާމްޕަލް ގެންދިއުމަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެޑްމިނިސްޓްރޭޝަންގައި ވެސް ފަށަން މަސައްކަތްކުރި ކަމެކެވެ. އެގޮތުން ލެބޯޓްރީ ނުހުންނަ ރަށްރަށާއި ކުދި ލެބޯޓްރީތައް ހުރި ރަށްރަށުން އަތޮޅު ހޮސްޕިޓަލްތަކަށް ސާމްޕަލްތައް ފޮނުވުމަށް އޭރު މިނިސްޓްރީން ނިންމި ނަމަވެސް އެ މަސައްކަތް ފެށިފައެއް ނުވެ އެވެ.

މި އަހަރު ޑްރޯން ބޭނުންކޮށްގެން ބޭސް ފޮނުވަން ފަށާނެކަމަށް އިއުލާނުކުރައްވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވަނީ، އެ މަސައްކަތް ފެށިއްޖެނަމަ ދައުލަތުން ކުރަންޖެހޭ ހަރަދުތަކަށް ވެސް ލުޔެއް ލިބިގެންދާނެ ކަމަށް ލަފާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް