ads
ފަރުމަސްވެރިކަމަށް ލޯނު ދޫކުރަން ބުދަދުވަހު ފަށާނަން: އެސްޑީއެފްސީ
ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ދޫކުރާ ލޯނަށް ހުށައެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހުޅުވާލާނެކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ތައްޔާރުވެއްޖެ އެވެ.

އެސްޑީއެފްސީން ބުނީ، ފަރުމަހުގެ މަސްވެރިކަން ފެށުމަށާއި، މިހާރުވެސް ފަރުމަހުގެ މަސްވެރިކަން ކުރަމުންދާ ފަރާތްތައް އެމަސައްކަތް އިތުރަށް ކުރިއެރުވުމުގެ އިތުރުން ކުދި އައިސް ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ ލޯނު ދޫކުރަން އެ ކޯޕަރޭޝަނުން ތައްޔާރުވެފައިވާ ކަމަށެވެ.

އެގޮތުން މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު 21 ފެބްރުއަރީ 2024 ގައި ހުޅުވާލެވޭނެ ކަމަށް އެސްޑީއެފްސީން ބުނެ އެވެ.

ގިނަ ވެގެން 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ މި ލޯނުތައް 700،000 ރުފިޔާއާ ހަމައަށް ދޫކުރުމަށް އެސްޑީއެފްސީން ވަނީ ނިންމާފަ އެވެ. އަދި ލޯނުތައް ދޫކުރާނީ %5 އިންޓްރެސްޓަކާއެކު ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

މީގެއިތުރުން ލޯނުގެ ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން ހަ މަސް ދުވަސް އެކުލެވޭނެ ކަމަށް އެސްޑީއެފްސީން ބުނެ އެވެ. އަދި ލޯނަށް އެދޭ ފަރާތުން ރަހުނުގެ ގޮތުގައި އެއްޗެއް ބަހައްޓަން ނުޖެހުނު ނަމަވެސް، ލޯނުން ފައިނޭންސް ކުރެވޭ ހުރިހާ އުޅަނދެއް ރަހުނު ކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

ފަރުމަސްވެރިކަމަށް ލޯނު ދޫކުރެވޭ ކަންތައްތައް:

  • އުޅަނދު މަރާމާތު ކުރުމަށް އަދި އަލަށް އުޅަނދެއް ބަނުމަށް ނުވަތަ ގަތުމަށް 
  • އުޅަނދުގައި އިންޖީނު އެޅުމަށް
  • އުޅަނދުގައި ބޭނުންކުރާ މަސްވެރިކަމުގެ ވަސީލަތްތައް ގަތުމަށް
  • އުޅަނދު މަރާމާތުކުރުމާއި އިތުރު ބަދަލު ގެނައުމަށް 
  • މަސް ބަންދުކުރާ މެޝިނަރީއާއި އާލާތްތައް ގަތުމަށް
  • މަސް ރައްކާކުރުމުގައި ބޭނުންކުރާ އާލާތްތައް ގަތުމަށް

މި މަޝްރޫއުގެ ދަށުން ކަނޑައެޅިފައިވާ ކަންކަމަށް ކުރާ ހަރަދުގެ އަގު 700،000 އަށްވުރެ އިތުރުވާނަމަ، އިތުރަށް ކުރަންޖެހޭ ހަރަދު ކުރަންވާނީ ލޯނަށް އެދޭ ފަރާތުން ކަމުގައި އެސްޑީއެފްސީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް