ads
މަސްވެރިންނަށް ފައިސާ ނުދިނަސް ސަރުކާރުން ބޭނުންވާ ހަރަދުތައް އެބަ ކުރޭ: އެމްޑީޕީ
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދިނަސް ސަރުކާރުން ބޭނުންވާ ހުރިހާ ހަރަދެއް ވެސް ކުރަމުންދާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މިފްކޯއަށް މަސް ގަތުމަށް ފަހު މަސްވެރިންނަށް ދޫކުރަންޖެހޭ 400 މިލިއަނެއްހާ ރުފިޔާ އަދިވެސް ދޫކޮށްފައި ނުވާތީ އެކަމާ ކަނބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދެވޭ ހާލަތުގައި، މަސްވެރިން ކާންބޯން ކުރާ މަސައްކަތުގެ އާމްދަނީ ތިން މަހެއްހާ ދުވަސް ވަންދެން ހިފަހައްޓާފައި އޮތީ މި ސަރުކާރުގެ ނާގާބިލުކަމުން ކަމަށެވެ. އަދި އެތަކެއް އާއިލާއަކަށް މި ނިކަމެތި ހާލަތު ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން ބުނި ގޮތުގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދޫނުކޮށް ލަސްކުރި ނަމަވެސް ސަރުކާރުން ހަރަދު ކުރަން ބޭނުންވާ އެންމެހާ ކަންކަމަށް ހަރަދު ކުރަމުންދާ ކަމަށާއި، އެކަން ބަލައި ނުގަންނަ ކަމުގަ އެވެ.

"މަސްވެރި އެތަކެއް އާއިލާއެއްގެ އާމްދަނީ އެއްކޮށް ހުއްޓިފައި ވާއިރު ވެސް، ސިޔާސީ މަގާމުތައް އުފައްދައި އަގުބޮޑު ޕްރޮޖެކްޓްތައް އިފްތިތާހު ކުރަމުން ދިއުން މި ޕާޓީން ބަލައެއްނުގަންނަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ކޮވިޑުގެ ދަތި ދުވަސްވަރު ސަރުކާރުގެ އާމްދަނީ އެއްކޮށް ހުއްޓިފައި އޮތް ދަނޑިވަޅުގައި ވެސް، މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ޕާޓީގެ ސަރުކާރުން ދޫކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ރިޔާސީ އިންތިހާބަށް ހުށަހެޅި މެނިފެސްޓޯގައި 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރާނެ ކަމަށް ބުނެ ވީ ވައުދާ، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މި ސަރުކާރުން ހިލާފުވެފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ. އަދި މަސްވެރިންގެ ކެތްތެރިކަން ކޮޅުންލައި ފަށާފައިވާ އިހުތިޖާޖާ ގުޅިގެން، ސަރުކާރުން އަނެއްކާ ވެސް މަސްވެރިންނަށް ދޮގު ހަދާ އޮޅުވާލުމަށް ކުރަމުންދާ މަސަައްކަތް ކުށްވެރިކުރާ ކަމަށް އެ ޕާޓިގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން ރޯދަމަސް ވެސް ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ލަސްނުކޮށް ދޫކުރުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. އަދި ރޯދައިގެ ފަހުން މަސް ގަންނަ އަގު 15 ރުފިޔާއަށް ދަށްކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަނބުރާ ގެނގޮސް، މަސްވެރިންގެ މަސައްކަތަށް ހަމަ އަގު ދިނުމަށް އެ ޕާޓިން ވަނީ ގޮވާލާފަ އެވެ.

އެމްޑީޕީން މިފަދަ ބަޔާނެއް ނެރެފައިވާއިރު ރައީސް މުއިއްޒު މިއަދު ވިދާޅުވެފައި ވަނީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވެސް ގާތްގަނޑަކަށް 260 މިލިއަނަށް ވުރެ ގިނަ ރުފިޔާ  މަސްވެރިންނަށް ނުދީ އޮތް ކަމަށެވެ. އަދި އޭގެ އިތުރަށް ދޭން ޖެހޭ ފައިސާ ވެސް ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އަމާޒަކީ 48 ގަޑިއިރުތެރޭގައި މަސްވެރިންނަށް ފައިސާ ދެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް