ދެ ދުވަހުގެ މުއްދަތައް ކްރޮސްރޯޑްސްގައި ކުރިއަށްދާ މި ފޯރަމްގެ މައިގަނޑު މަގްސަދަކީ އެމް.އޭ.ސީ.އެލްގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް އެއް މިސްރާބަކަށް ގެންދިއުމާއި، މިއަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހިއްސާކޮށް އެކަންކަން ހާސިލުކުރުމަށް އެކުގައި މަސައްކަތް ކުރުން ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
ފޯރަމް ފައްޓަވައި ދެއްވުމުގެގޮތުން ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީ.އީ.އޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ދާއިރާއަކީ ވަރަށް އަވަހަށް ބަދަލުތައް އަންނަ ދާއިރާއެއްކަމަށާއި، އެ ބަދަލުތަކަށް އަހުލުވެރިވެ ތިބުމަކީ މުހިއްމުކަމެއްކަމަށެވެ.
ހަމައެކަނި ކުރު މުއްދަތުގެ ކަންކަމަށް ފޯކަސްކޮށްގެން ކުރިޔަށް ދިޔުމަކީ މުސްތަޤްބަލު އަތުން ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށާއި ގިނަ ފަހަރު ކުންފުނިތައް ފެއިލްވަނީ ދުރުވިސްނުން ނެތުމުގެ ސަބަބުން ޝަރީފް ވިދާޅުވި އެވެ.
"ޓޭކް އޯފް 2024" ފޯރަމަކީ ކުންފުނީގެ ހިންގާ މިފަދަ ފުރަތަމަ ފޯރަމެވެ.
މިފޯރަމްގައި އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރާއި، ކުންފުނީގެ ޑިވިޝަން، ޑިޕާޓްމަންޓްތަކުގެ އިތުރުން ސެކްޝަންތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.
މިފަދަ އިތުރު ފޯރަމެއް މިއަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ