ads
ސަރުކާރުން އަވަސް ފިޔަވަޅުތައް ނޭޅިނަމަ ރާއްޖެ ބަނގުރޫޓުވީސް: ރައީސް
ރާއްޖެއަށް ކުރިމަތިވެފައި އޮތް ހީނަރުކަމުން ސަލަމާތްކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތައް ނޭޅިނަމަ ރާއްޖެ ބަނގުރޫޓްވީސްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިހާރު އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުގެ ތެރެއިން ހއ.ބާރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅު ތެރެއިންނެވެ.

 ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ވެވަޑައިގަންނަވާފައިވާ ވައުދުތައް އެއްވެސް ރަށެއްގެ، އެއްވެސް ރައްޔިތެއް ބާކީނުކޮށް ފުއްދަވައިދެއްވާނެކަމަށާއި އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމެވީވެސް ވައުދުތައް ފުއްދުން އަވަސް ކުރަން ކަމަށެވެ.

ސަރުކާރުން އިގްތިސާދު ކުރިއަރުވައި، ފުޅާކުރުމަށް ފިޔަވަޅުތައް ނޭޅިނަަމަ މިއަދު ރާއްޖޭގެ އިގްތިސާދު މާބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްްޓުނީސްކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ފިޔަވަޅުތައް ނާޅާ ތިބިނަމަ މިއަދު ތިބޭނީ ޑިފޯލްޓްވެފައި. ބޭރަށް ދޭންޖެހޭ ފައިސާ ދިނުމުގައި ތިބޭނީ ފެއިލްވެފައި. އަޅުގަނޑުމެން ތިބޭނީ އަރައިނުގަނެވޭނެ ހާލަތަކަށް ގޮސްފައި، ނަމަވެސް ފިޔަވަޅު އެޅުމުން މިއަދު ރަނގަޅަށް ކަންކަން ދަނީ" ރައީސް ވިދާޅުވިއެވެ.

 ރާއްޖޭގެ އިގްތިސާދު ފުޅާކޮށް ކުރިއެރުވުމުގެ މަސައްކަތަކީ ސަރުކާރަށް އެކަނި ކުރެވޭނެކަމެއް ނޫންކަމަށް ފާހަގަކޮށް، ވިދާޅުވީ، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަންޖެހޭކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް