ads
މަސްވެރިންނަށް މިއަދު 35 މިލިއަން، ޖުމްލަ 105 މިލިއަން ދީފިން
މަސްވެރިންނަށް ފައިސާ ދިނުމަށް މި ސަރުކާރުން ވައުދުވި ގޮތަށް މިއަދުގެ ނިޔަލަށް މިހާތަނަށް 105 މިލިއަން ރުފިޔާ ދީފިކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ މަސްވެރިންނަށް ދިނުމަށް މިއަދު މިފްކޯއަށް 35 މިލިއަން ޖަމާކޮށްދީފައިވާކަމަށެވެ. އަދި ސަރުކާރުން މަސްވެރިންނަށް ވައުދުވެފައިވާ ގޮތުގެ މަތިން މިދިޔަ ބުދަ ދުވަހާއި މިއަދު ހިމެނޭހެން ޖުމްލަ 105 މިލިއަން މިހާތަނަށް ޖަމާކޮށްދީފައިވާނެކަމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މިއަދާހަމައަށް 561 މިލިއަން ރުފިޔާ ދީފައިވާނެކަމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ. އަދި މި އަދަދަކީ ތެލަށާއި އައިހަށް ދެވިފައިވާ ފައިސާ ހިމަނައިގެން ދޫކޮށްފައިވާ ފައިސާކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. އަދި ބެކްލޮގްގައި ހުރި ފައިސާ މަސްވެރިންނަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. 

"މަސްވެރިންނަށް ދޫކުރަމުންގެންދާ ފައިސާގެ ތެރެއިން 14 ޖަނަވަރީ 2024 ގެ ނިޔަލަށް ހުރި ބިލުތަކުގެ ފައިސާ މިއަދު ދައްކާ ނިންމާނެ." މިފްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވަނީ މަސްވެރިންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއް އަންނަ މަސްފެށުމުގެ ކުރިން ދީ ނިންމާނެކަމަށް ވިދާޅުވެފައެވެ.

މަސްވެރިން ކިރުވާފައިވާ މަހަށް ފައިސާ ދޫކުރަން ސަރުކާރުން ފަށާފައިވަނީ އެ ފައިސާ ނުލިބިގެން މަސްވެރިން ނުކުމެ ކޫއްޑޫ ފިޝަރީޒް ކޮމްޕެލެކްސް އާއި އައްޑޫ ފިޝަރީޒް ކޮމްޕެލެކްސްގެ އޮޕަރޭޝަންތައް ހުއްޓާލުމުންނެވެ. މަސްވެރިންވަނީ ހަތަރު ދުވަސް ވަންދެން ކޫއްޑޫގައި އިހްތިޖާޖުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް