ads
ހިސާބު ޖަހާފައި އޮތީ ވަކި ދުވަހެއްގައި ގައުމު ބަނގުރޫޓު ކޮށްލަން: ސައީދު
ކުރީގެ ސަރުކާރުން އޮތީ ވަކި ދުވަހެއްގައި ރާއްޖެ ބަނގުރޫޓުކޮށްލަން ހިސާބު ޖަހާފައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ށ. އަތޮޅަށް ކުރައްވުމަށް ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މިލަންދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އޭރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޮތީ ގައުމު ބަނގުރޫޓު ކޮށްލަން ހިސާބު ޖަހައި ތައްޔާރުކޮށްފައި ކަމަށެވެ.

އަދި ބައެއްގެ އެހީއާއެކު އެކަން ރަަވާފައިވަނީ ވެރިކަން ނުލިބިއްޖެނަމަ ގައުމު ބަނގުރޫޓުކޮށްލުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހަމަ ބަރާބަރަށް ޑިޒައިން ކޮށްފަ ބައެއްގެ އެހީތެރިކަމާއެކު، އޭރުގެ ފޮރިން މިނިސްޓަރާ، އޭރުގެ ރައީސުލްޖުމްހޫރިއްޔާއާ ހިސާބު ޖައްސަވާފަ އޮތީ ރާއްޖެ ބަނގުރޫޓު ކޮށްލަން، ވަކި ދުވަސްވަރެއްގައި، ވެރިކަން ނުލިބިއްޖެޔާ." މިނިސްޓަރު ވިދާޅުވި އެވެ.

އެ ރޭވުން ކާމިޔާބު ނުކުރެވުމުން އެކަމުގެ ނުރުހުމުގައި ރެޖިސްޓާ ނުކުރާ ނޫސްތައް މެދުވެރިކޮށް ރާއްޖޭގެ ތަސައްްވުރު ގޯސް ކުރުމަށް ދޮގު ވާހަކަ ފަތުރަމުންދާ ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވި އެވެ.

ނަމަވެސް އެ މަސައްކަތް ކުރެއްވި ފަރާތްތަކުން އަލުން އެނބުރި ވެރިކަމަށް އައިސް ގައުމު ހަމަ މަގުން ނައްޓުވާލުމުގެ ފުރުސަތު ރައްޔިތުން ނުދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސަރުކާރާ ބެހޭގޮތުން އެފަދަ ވާހަކަ ފަތުރައިގެން ގައުމު ހަލަބޮލިކުރަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އިގްތިސޯދީ ގޮތުން މިފަދަ ދަތި ހާލަތެއްގައި ވެސް، މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 30 ‏މިލިއަން ޑޮލަރު ޖަމާކޮށްފައިވާނެ ކަމަށެވެ. އަދި އަހަރެއްގެ ތެރޭގައި 100 މިލިއަން އެމެރިކާ ޑޮލަރު މި ސަރުކާރުން އެ ފަންޑަށް ޖަމާކޮށްދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ސައީދު ވިދާޅުވީ ރައީސްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގެން 11 އެއްބަސްވުމެއްގައި ސޮއިކުރެއްވި އިރު، އެ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އިމްޕޯޓަށް ބަރޯސާނުވެ ކާބޯތަކެތި އުފެއްދޭނެ ޒަމާނީ ޓެކްނޮލޮޖީ އާއި އާލާތްތަކާއި ފައިސާ ވެސް ހަމަޖައްސަވާފައިވާ ކަމަށެވެ.

އަަދި އެމަނިކުފާނު ޗައިނާއަށް ވަޑައިގެންނެވި ފަހުން ރާއްޖެ އަންނަ އެ ގައުމުގެ ޓޫރިސްޓުންގެ އަދަދު ވެސް އިތުރުވެ މާކެޓް ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް