ads
އިންތިހާބު ފަސްކުރާ ބިލު ތަސްދީގުކުރަން މަޖުބޫރުވާގޮތަށް ފާސްކޮށްފި
ރައްޔިތުން މަޖިލިސް އިންތިހާބު ރޯދައިގެ ފަހަށް ފަސްކުރަން މަޖިލީހުން ފާސްކުރި ބިލް ރައީސް އަނބުރާ ފޮނުވާލުމުން އެ ބިލަށް އެއް ވެސް ބަދަލެއް ނުގެންނަން މަޖިލީހުން ފާސްކޮށްފި އެެވެ.

އެ ބިލު އަލުން އޮތް ގޮތަށް ފާސްކުރަން މިއަދު ވޯޓަށް އެހުމުން އެ ވޯޓުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ ތެރެއިން 47 މެންބަރުން ވަނީ ބިލަށް ވޯޓު ދެއްވައިފައެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އެންމެ 14 މެންބަރުންނެވެ.

ރައީސް އޮފީހުން ކުރިން ބުނެފައިވަނީ އިންތިހާބުގެ ބިލް ތަސްދީގުނުކޮށް އަނބުރާ ފޮނުވާލީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރަޒުވާތީ ބިލް ތަސްދީގު ނުކުރަން ބަންޑާރަ ނައިބު އަހްމަދު އުސާމް ރައީސް ޑރ. މުއިއްޒަށް ލަފާ އެރުވުމުންކަމަށެވެ. 

އިންތިހާބުތަކާ ބެހޭ އާއްމު ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނެސްފައިވަނީ 11 ފެބްރުއަރީ ވަނަ ދުވަހު އެވެ. އެ އިސްލާހު ހުށަހަޅާފައިވަނީ ރޯދަމަހުގެ ތެރޭގައި މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ. މަޖިލީހުން ފާސްކުރި އިސްލާހުގައިވަނީ ރޯދަމަސް ނިމި، 10 ދުވަހަށްފަހު އިންތިހާބު ބޭއްވުމަށެވެ.

ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރަން ފޮނުވާ ބިލެއް "ރައީސުލްޖުމްހޫރިއްޔާއަށް އެ ބިލު ލިބޭތާ 15 ދުވަހުގެ ތެރޭގައި ބިލު ތަސްދީގު ކުރާން ވާނެ" ކަމަށެވެ. އެ ބިލު ތަސްދީގު ނުކުރައްވާ އެ 15 ދުވަހުގެ ތެރޭގައި އަނބުރާ މަޖިލީހަށް ފޮނުވާލެވިދާނެ ކަމަށް ވެސް އެ މާއްދާގައި ބުނެ އެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސް ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.

އެހެންކަމުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ރައީސް މުއިއްޒު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރަންޖެހިވަޑައިގަންނަވާނެ އެވެ.

މިއަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާޗު 17، ގަ އެވެ. އެއީ ރޯދަމަހުގެ ހަތް ވަނަ ދުވަހެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރި ނަމަ މަޖިލިސް އިންތިހާބު ދެން ބާއްވަން ޖެހޭނީ އޭޕްރިލް 20، ވަނަ ދުވަހަށް ފަހުގެ ތާރީހެއްގަ އެވެ.

ރޯދަމަހުގެ ފަހަށް އިންތިހާބު ލަސްކުރަން ޖެހޭގޮތަށް ގާނޫނަށް ބަދަލު ގެނެސްފި ނަމަ އެކަމަށް ތައްޔާރަށް ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބިލުގެ ކޮމެޓީ މަރުހަލާގައި ބުނެފައިވެ އެވެ. އަދި އިންތިހާބު ލަސްކޮށްފި ނަމަ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރު ވާނެ ކަމަށް ވެސް އެ ކޮމިޝަނުން ލަފާކޮށްފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް