ads
އިންޑިއާ ސިފައިން އެމީހުންގެ ހެލްކަޕްޓަރުގައި ބަލި މީހަކު އުފުލަނީ
ކުލަ ހެދުމުގައިވެސް އިންޑިއާ ސިފައިން ނުތިބޭނެ: ރައީސް
އަންނަ މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އިންޑިއާ ސިފައިން ޔުނީފޯމްގައި ވިޔަސް، އަދި ކުލަ ހެދުމުގައި ވެސް ނުތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ބ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ސަރުކާރުން ކާމިޔާބު މަސައްކަތްތަކެއް ކުރާތީ ދޮގު ހަދާ އޮޅުވާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ގޮތުން ކުލަ ހެދުމުގައި ސިފައިން އަންނަނީ ކަމަށް ބުނެ ޝައްކު އުފައްދަން އުޅޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންޑިއާއާއެކު ޑިޕްލޮމެސީގެ ރީތި އުސޫލުގެ ތެރެއިން ރާއްޖެއިން ވެފައިވާ އެއްބަސްވުމުގެ ދަށުން، އެންމެ ލަސްވެގެން މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށެވެ.

"އެހެންވީމާ އަަޅުގަނޑު މިދަންނަވާ ކޮންމެ ކަމެއް ވެސް މި ދަންނަވަނީ، އެކަމެއް ކުރަން ނިންމައި ކުރަމުންދާ ގޮތަށް، އެހެންވީމާ 10 މޭ އާ ހަމައަށް ދާއިރު ގައި އިރާދަކުރެއްވިއްޔާ ރާއްޖޭގައި ނުތިބޭނެ އިންޑިއާ ސިފައިންނެއް. އެއީ ޔުނީފޯމްގައިތޯ، ކުލަހެދުމުގައިތޯއެއް ނޫން، އެއްވެސް ކަހަލަ ހެދުމެއްގައި އިންޑިއާ ސިފައިންނެއް [އަދި] އެއްވެސް ގައުމެއްގެ ސިފައިންނެއް މިރާއްޖެއަކު ނުތިބޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ކަންކަން އިއުލާނު ކުރާ ގޮތަށް އެކަމެއް ކުރަމުން ދާނެ ކަމަށެވެ.  

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލަން ދެ ގައުމުން އެއްބަސްވެފައި ވަނީ މި އަހަރުގެ މޭ 10 ގެ ނިޔަލަށެވެ. ފުރަތަމަ ބާލަނީ އައްޑޫގައި އޮންނަ ހެލިކޮޕްޓަރު ދުއްވަން ތިބި އިންޑިއާ ސިފައިންނެވެ. އޭގެ ފަހުން ހދ. ހަނިމާދު އާއި ލ. ކައްދޫގައި ތިބި ސިފައިން ވެސް ބާލަން ވަނީ އެއްބަސްވެފަ އެވެ.

އިންޑިއާ ސިފައިން ބާލަން އެ ގައުމުން އެއްބަސްވެފައިވަނީ ސިފައިން ތިބި އަދަދަށް އުޅަނދުތައް އޮޕަރޭޓް ކުރަން އިންޑިއާގެ މަދަނީ މީހުން ގެންނަ ގޮތަށެވެ. އޭގެ ތެރެއިން އައްޑޫގައި އޮޕަރޭޓް ކުރާ ހެލިކަޕްޓަރު ދުއްވަން ސިފައިންގެ ބަދަލުގައި މަދަނީ މީހުން މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.

މަދަނީ މީހުންގެ ގޮތުގައި ވެސް އިންޑިއާ އިން ފޮނުވަނީ ސިފައިން ކަމަށާއި އެކަން ސަރުކާރުން ޔަގީން ކުރާނެ ގޮތެއް ނޯންނާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. 

ރާޢްޖޭގައި ތިބި އިންޑިއާ ސިފައިން އަބަދުވެސް އަމަލުކުރަނީ ދިވެހި ސަރުކާރާއި އެމްއެންޑީއެފްގެ އިރުޝާދުގެ މަތިން ކަމަށާއި، އެމީހުންގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކަލެއް ނެތް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މިފަހުުން ވަނީ ވިދާޅުވެފައި އެވެ.

ރައީސް ވިދާޅުވެފައި އޮތީ އިންޑިއާ ސިފައިން ބާލާނީ ޑިޕްލޮމަސީގެ ހަމަތަކުގެ ތެރެއިން ދެ ސަރުކާރުގެ ދެމެދުގައި މަޝްވަރާތައް ކޮށްގެން ކަމަށެވެ. އެގޮތުން އިންޑިއާ ސިފައިން ފޮނުވާލުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ސަރުކާރުން އެދިފައި ވާއިރު، އެކަމާ ގުޅިގެން ދެ ސަރުކާރުގެ އިސް ބޭފުޅުންގެ މެދުގައި "ކޯ ގްރޫޕެއް" މިހާރު ވަނީ އެކުލަވާލާފަ އެވެ. 

އުންމީދު ކުރައްވަނީ ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ ފުރަތަމަ ހަފްތާގެ ތެރޭގައި ވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކާމިޔާބުކުރެއްވުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވެސް މުއިއްޒު އެންމެ ބޮޑަށް ދެއްކެވި ވާހަކަ އަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ.

އިންޑިއާ ސިފައިން ފޮނުވާލުމުގެ އިތުރުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުން ގެއްލިފައިވާ ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް