ads
ވީއައިއޭގެ ކާގޯ ޓާމިނަލް
ވީއައިއޭގެ ކާގޯ ޓާމިނަލް އިމާރާތުގައި ކާގޯ އޮފީސް ހިންގާނެ ފަރާތެއް ހޯދަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ކާގޯ ޓާމިނަލް އިމާރާތުގައި ކާގޯ އޮފީސް ހިންގާނެ ފަރާތެއް ހޯދަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއުލާނުކޮށްފި އެވެ.
Advertisement

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރި އިއުލާނެއްގައި ބުނީ އަލަށް އިމާރާތްކޮށްފައިވާ ކާރގޯ ޓާރމިނަލް އިމާރާތުގައި "ކާގޯ އޮފީސް" ހިންގަން ޝައުގުވެރިވާ ފަރާތްތައް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އެމްއޭސީއެލުން ބުނީ ކާގޯ އޮފީސް ހިންގުމަށް ދޫކުރާ ޖާގަ ކާމިޔާބުކުރާ ފަރާތްތައް އޮފީސް ހަދައި ހިންގަންވާނީ، އެ ކުންފުނިން އެކުލަވާލާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާރިޗު 14 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 11:00 ގެ ކުރިން، ސިޓީ، ފެކްސް ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް ވަނީ އެދިފަ އެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެ ފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ގާބިލުކަން އަންގައިދޭ ލިޔުންތައް (ޕްރޮފައިލް، ތަޖުރިބާ ފަދަ ލިޔުންތައް) ފޯރުކޮށްދޭން ޖެހޭނެ އެވެ.

އެމްއޭސީއެލްއިން ބުނީ އެ ކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު "ރިކުއެސްޓް ފޯ ކޯޓޭޝަން/ޕްރޮޕޯސަލް" މެދުވެރިކޮށް ފަހުން ހުޅުވާލެވޭނެ ކަމަށެވެ.

ޝައުގުވެރިކަން ފާޅުކުރުމަށް ދީފައިވާ މި ދައުވަތަކީ ބީލަމެއް ހުށަހަޅަން ދެވޭ ދައުވަތެއް ނޫން ކަމަށާއި މީގެ މަގުސަދަކީ ހަމައެކަނި މައުލޫމާތު ލިބިގަތުން ކަމަށް އެމްއޭސީއެލްއިން ބުންޏެވެ. އަދި މި ދައުވަތަކީ އެ ކުންފުނިން މިކަން ކުރިއަށް ގެންގޮސް އެވޯޑުކޮށް ބަޔަކާއި މަސައްކަތް ހަވާލުކުރަން ޖާމިނުވާ އިގުރާރެއް ވެސް ނޫން ކަމަށާއި ނުވަތަ އެފަދަ އެއްވެސް އެހެން މަރުހަލާއެއް ކުރިއަށްގެންގޮސް ނިންމަން ވެވޭ އެއްބަސްވުމެއް ވެސް ނޫންކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފަ އެވެ.

ވީއައިއޭގެ އާ ކާގޯ ޓާމިނަލް ހުޅުވީ މިދިޔަ ޖެނުއަރީ މަހުގެ 15 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް