ads
ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން ތައްޔާރުކުރި ކުރު ފިލްމު "ހިނިތުން" ގެ ތެރެއިން
ދިރާގުގެ ކުރު ފިލްމުން ދައްކުވައިދިނީ ހެޔޮހިތުން އެހީތެރިވުމުގެ މާތްކަން‏!
މި ރަމަޟާން މަހާ ދިމާކޮށް "ހެޔޮހިތުން" ޝިއާރުގެ ދަށުން ދިރާގުން ތައްޔާރުކުރި ކުރު ފިލްމު "ހިނިތުން" ރިލީޒްކޮށްފި އެވެ.

އދ. ކުނބުރުދޫގައި ކުޅެފައިވާ މި ކުރު ފިލްމްގައި ދައްކުވައިދެނީ ހެޔޮހިތުން އެކަކު އަނެކަކަށް އެހީތެރިވުމުގެ މުހިއްމުކަމެވެ. އެކަމުގެ މަތިވެރިކަމެވެ.

ފިލްމުގައި ފެންނަނީ ތުއްތު އަމީރާ ކޮންމެ ދުވަހަކު ހެނދުނު ރައްޓެހިންނާއެކު ތުނޑިއަށް ދާއިރު އެ ރަށު ސްކޫލްގެ މަސައްކަތް ކުރަން އުޅޭ މަނިކެ ދައްތަ, ކުނިކަހަން ހުންނަ މަންޒަރެވެ. އުމުރުން ދުވަސްވެފައިވާ މަނިކެ ދައްތަގެ ބަލި ހާލަތާ ހުރެ ހިނގާބިނގާވެ އުޅުމަށް ހުރި ދަތިތަކާއެކު ވެސް، މަސައްކަތުގައި އުޅޭ މަންޒަރު ފެނި އަމީރާގެ ހިތުގައި އެ ދައްތައާ މެދު ހަމްދަރުދީ އުފެދެ އެވެ. އެއާއެކު ދައްތައަށް ކޮންމެވެސް ސިފައެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަމީރާގެ ހިތުގައި ޝައުގު ޖެހެއެވެ.

އަމީރާ މަނިކެ ދައްތަގެ ހަރަކާތްތަކަށް ސަމާލުކަންދޭކަން އޭނާގެ ރަހުމަތްތެރިންނަށް ފާހަގަވެ އެވެ. އެއާއެކު މަނިކެ ދައްތަ ކުރާ މަސައްކަތަކީ ދަށް މަސައްކަތެއް ކަމުގައި ސިފަކޮށް އަމީރާ ވެސް ބޭނުންވަނީ މަނިކެ ދައްތަ ކަހަލަ މީހަކަށް ވާންތޯ އޭނާގެ ރައްޓެހިން މަލާމާތުގެ ރާގަކަށް ސުވާލުކުރެ އެވެ. ނަމަވެސް އެއީ ސަޅި މަސައްކަތެއް ކަމުގައި ބުނެ، އަމީރާ އޭނާގެ ރަހުމަތްތެރިންގެ ކުރިމަތީގައި މަނިކެ ދައްތަ ދިފާއު ކުރެ އެވެ. އަދި ފަހުން އެ ކުދިންނަށް ވެސް އެކަން ވިސްނި އަމީރާގެ ކިބައިން މައާފަށް އެދެ އެވެ.


އޭގެފަހުން ފެންނަނީ އެ ކުދިން މަނިކެ ދައްތަގެ ހާލު އަހުވާލު އޮޅުންްފިލުވާ މަންޒަރާއި، ދައްތައަށް އެހީތެރިވެދެވޭނެ މަގެއް ހޯދުމަށް މަޝްވަރާކުރާ ތަނެވެ. އެއަށްފަހު މަނިކެ ދައްތައަށް އެހީވުމުގެ ގޮތުން ސްކޫލްގެ ގޯތިތެރެ ކުނިކަހަން އެ ދައްތަ ގެންގުޅޭ އިލޮށިފިހި ނަގައިގެން އެ ކުދިން ކުނިކަހާދެ އެވެ. އޭގެއިތުރުން އަމީރާގެ ރަހުމަތްތެރިން އެ ދައްތައަށް ކާނާ ތަށިބަރިއެއް ގެންގޮސްދޭ މަންޒަރު ވެސް ފެނެ އެވެ.

އަމީރާ އާއި އޭނާގެ ރަހުމަތްތެރިންގެ މި ކުދިކުދި އެހީތަކުގެ ސަބަބުން މަނިކެ ދައްތަގެ މޫނުމައްޗަށް އަރައިގެންދަނީ އުފާވެރިކަމުގެ ކުލަވަރެވެ. ގެނުވައިދިނީ ހިނިތުންވުމެވެ.

ދިރާގުގެ މި ކުރު ފިލްމުން މުޖުތަމައަށް ދޭ މެސެޖަކީ ހުރިހާ ހާލަތެއްގައި ވެސް އަނެކާއަށް ހެޔޮހިތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މާތް ކަމެވެ. އެދުމެއް ނެތި ކުރާ ވެދުމަކުން އަނެކާގެ މުޅި ދިރިއުޅުން ވެސް އުޖާލަވެދާނެ ކަމެވެ. އަދި ވަކިން ހާއްސަކޮށް މި ރަމަޟާން މަހު އަނެކުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޘަވާބާއި ދަރުމަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް